ކުޅިވަރު

އުޒްބަކިސްތާން އަތުން ބަލިވެ ރާއްޖެއިން ރަން މެޑަލަށްކުރި އުންމީދު ގެއްލިއްޖެ

ރާއްޖެ ބަލިކޮށް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް އުޒްބަކިސްތާން ޖާގަހޯދައިފިއެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ސެމީފައިނަލު ދެވަނަ މެޗުގައި ރާއްޖެ ބަލިކޮށް އުޒްބަކިސްތާން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ތިން ސެޓުން މެޗު ކާމިޔާބު ކޮއްގެންނެވެ. ފުރަތަމަ ދެސެޓްގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ދެވަނަ ސެޓް ރާއްޖެއަށް ގެއްލިގެން ދިޔައީ ފަހަތުން އަރައި ލީޑްނަގާފައި ވަނިކޮށެވެ.

ފުރަތަމަ ދެސެޓާ ޚިލާފަށް ފަހު ސެޓްގައި އުޒެބެކިސްތާނުން ފަރަގު ބޮޑުކޮށް ކުޅެމުންދިޔަނަމަވެސް ސެޓް ނިމެން އުޅެނިކޮށް ރާއްޖެއިން ފަރަގު ކުޑަކުރިއެވެ. މެޗުގެ ސެޓްތައް އުޒްބަކިސްތާނުން ގެންދިޔައީ 25-20 ، 25-19، 25-21 އިންނެވެ. ރާއްޖޭގެ ޓީމު ސެމީފައިނަލުން ޖާގަ ހޯދީ އިއްޔެ މުބާރާތް ބާއްވާ ޤައުމު ނޭޕާލާ ވާދަކޮށް ތިން ސެޓުން މެޗު ކާމިޔާބުކޮއްގެންނެވެ.

މިއަދު މެޗުގައި ދިވެހި ޓީމުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު އިއްޔެ ދެއްކި މޮޅު ކުޅުން ދެއްކިފައެއް ނުވެއެވެ. މުބާރާތުގެ ފައިނަލުގައި އުޒްބެކިސްތާންއާ ވާދަކުރާނީ މިހާތަނަށް މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބު ކުރި އެންމެފަހުގެ ޗެމްޕިއަން ކިރްގިސްތާނެވެ.

ކިރްގިސްތާން މުބާރާތުގެ ފައިނަލަށް ދިޔައީ މިއަދު ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗު ތުރުކެމެނިސްތާނާ ވާދަކޮށް ތިންސެޓުން މެޗު ކާމިޔާބުކޮއްގެންނެވެ. މި ނަތީޖާ އެކު ރާއްޖެ ދެންވާދަކުރާނީ މުބާރާތުގެ ތިންވަނަ ހޮވާމެޗުގައި ތުރުކެމިނިސްތާނާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފަވަނީ މާދަމާ ހަވީރު 04:15 ގައެވެ. މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފަވަނީ ހޮނިހިރު ދުވަހުއެވެ.