ޚަބަރު

އެމްއާރުއެމް ރަޖިސްޓްރީ ކުރުމުގެ އެންމެބޮޑު މަޤުޞަދަކީ އިސްލާޙީ މަސައްކަތް ކުރިއަށް ގެންދިއުން


ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ކުރުމުގެ އެންމެބޮޑު މަޤުޞަދަކީ އިސްލާޙީ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމުގައި އެމްއާރުއެމްއިން ބުނެފިއެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ ޔުމްނާ މައުމޫން ވިދާޅުވީ އެމްއާރުއެމްއަކީ އިސްލާހީ ހަރަކާތެއްކަމަށެވެ.

2016 ވަނަ އަހަރު ޕީޕީއެމްއާއި ރައީސް މައުމޫނާއި އުފެދުނު ޙިޔާލުތަފާތުވުމަކީވެސް އެމަނިކުފާނު އިސްލާޙަށް ކުރެއްވި މަސައްކަތްޕުޅު ކަމަށާއި، މިމަސައްކަތުގެ ނަތީޖާއަކީ އެމްއާރުއެމް ރިފޯމް މޫވްމަންޓެއްގެ ސިފައިގައި އުފެދުންކަމަށެވެ. ރިފޯމްމޫވްމަންޓުން ކުރެވުނު އިސްލާޙީ ބޮޑެތި މަސައްކަތްތަކެއް ކާމިޔާބުވެ ސިޔާސީ މައިދާނުގައި އިތުރު ހަރުފަތަކަށް ދިއުމަށްޓަކައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ނިންމި ހިސާބުން މިއަދާއި ހަމަޔަށް ވަރަށްގިނަ ފަރާތްތަކުން މިމަސައްކަތުގައި އަމަލީގޮތުން ޝާމިލްވެފައިވާކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި ރައީސް މައުމޫނާއެކު އެމްއާރު އެމްގައި ހަރަކާތްތެރިވި ބޭފުޅުން އިސްލާޙަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ޤައުމުން ފެންނަމުންދާކަމަށާއި، އެކަމާމެދު އެމްއާރުއެމްއިން ނުހަނު އުފާކުރައްވާ ކަމުގައިވެސް ޔުންމާ ވިދާޅުވިއެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފައްދަވާ 3 ވަނަ ޕާޓީއެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ޑީއާރުޕީއާއި، ޕީޕީއެމް އުފެއްދެވުމުގައިވެސް އިސްދައުރެއް އަދާކުރައްވާފައެވެ.