ޚަބަރު

މަޝްރޫޢު ހިންގުމަށް ހޯމް މިނިސްޓްރީން 2 ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވައިފި


ދެ ރަށެއްގައި ކުދި މަޝްރޫޢު ހިންގުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މާލީ އެހީތެރިކަން ދެއްވައިފިއެވެ. އެގޮތުން، ހޯމް މިނިސްޓްރީން އެހީތެރިކަން ދެއްވާފައިވަނީ ހދ.ކުމުންދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމަށާއި ހއ.ދިއްދޫގައި މަގުބައްތި ޖެހުމަށެވެ.

މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާޙިމް ރަޝީދެވެ. އަދި ކުމުންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަމީން މުޙައްމަދެވެ. ދިއްދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލް ރައީސް މުޙައްމަދު ޙާޝިމެވެ.

ހޯމް މިނިސްޓްރީން ރަށްރަށަށް ފޯރުކޮށްދެއްވާ މާލީ އެހީތެރިކަމަކީ ޖަމާޢަތުގެ ފައިދާއަށް ކުރާ މަސައްކަތަތްތަކުގައި ބައިވެރިވުމަށް ދެއްވާ މާލީ އެހީތެރިކަމެކެވެ. އެގޮތުން، ހޯމް މިނިސްޓްރީންވަނީ މިހާތަނަށް 10 ރަށެއްގައި ތަފާތު މަޝްރުޢޫތައް ހިންގުމަށް ކައުންސިލުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މީގެ ތެރޭގައި ރަށްރަށުގައި މަގުބައްތި ޖެހުމަށާއި ކުޑަކުދިންގެ ޕާކު ހެދުމާއި ހިތްފަސޭހަ މައިޒާންތައް ހެދުމާއި ގަބުރަސްތާންގެ ވަށާ ފާރު ރޭނުންވެސް ހިމެނެއެވެ. މި މަޝްރޫޢުތަކަށް 200،000އާއި 300،000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުންވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

މިހާތަނަށް އެހީތެރިކަން ދިން ބައެއް ރަށްރަށުގެ ތެރޭގައި ކުޑަފަރީގައި މަގު ބައްތި ޖެހުމަށް 300،000 ރުފިޔާ، ވިލުފުށީފައި ކުޑަކުދިންގެ ޕާކެއް ހެދުމަށް 289،000 ރުފިޔާ، ހދ.ވައިކަރަދޫގައި ގަބުރަސްތާނުގެ ވަށާފާރު ރޭނުމަށް 300،000 ރުފިޔާ، ނ.ހޮޅުދޫގައި ކޮމިއުނިޓީ ޕާކެއް ހެދުމަށް 284،000 ރުފިޔާވަނީ ދެއްވާފައެވެ. މި މަޝްރުޢޫތައް ހިންގަނީ ހޯމް މިނިސްޓްރީން އެހީތެރިކަން ދެއްވުމުން ކައުންސިލްތަކުން ޚަރަދުކޮށްގެންނެވެ.

ޖަމާޢަތުގެ ފައިދާއަށް ހޯމް މިނިސްޓްރީން 17 ރަށަކަށް އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ 6 ރަށެއްގައި ޕާކު ހެދުމާއި 6 ރަށެއްގައި މަގު ބައްތި ޖެހުމާއި 4 ރަށެއްގައި ގަބުރަސްތާންގެ ވަށާފާރު ރޭނުމާއި 1 ރަށުގައި ނެރުބައްތި ޖެހުމަށެވެ. މީގެެ ތެރެއިން ގިނަ ރަށްތަކަށް މިހާރުވަނީ ފައިސާ ހަވާލުކޮށް ނިމިފައެވެ.