މާލެ ސިޓީގެ މަސްވެރިންގެ ޕާކުގައި ކްރޫޒް ޓަރމިނަލެއް އެޅުމަށް ކުރި އިޢުލާން ބާޠިލްކޮށް، އެ ސަރަޙައްދުގައި ފާޚާނާ ބަރިއެއް އެޅުމަށް ނިންމައިފިއެވެ.
ކްރޫޒް ޓަރމިނަލް އެޅުމުގެ މަސައްކަތާއި ހަވާލުވެފައިވާ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިއުއެސްސީން މިހާރުވަނީ މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކުރައްވާފައެވެ.
މަސްވެރިންގެ ޕާކު އިތުރު ޚިދުމަތްތަކާއިއެކު ތަރައްޤީ ކުރުމަށް، އެ ސަރަޙައްދުން ބައެއް ހުސްކޮށް ބަންދުކޮށްފައިވަނީ މި އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް މިވީ މުއްދަތުގެ ތެރޭގައި އެތަނުގައި އެއްވެސް މަޝްރޫޢުއެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެ ސަރަޙައްދު ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ވިސްނަވާފައިވަނީ ކްރޫޒް ލައިންތަކުން މާލެ އަންނަ ފަތުރުވެރިންނަށް މާލެއިން ލަފާ ފުރޭނެ އިންތިޒާމާއި މަޑުކޮށްލައިގެން ތިބުމާއި ފާޚާނާ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދޭ ސަރަޙައްދެއްގެ ގޮތުގައެވެ. ނަމަވެސް މި ގެނައި ބަދަލާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މަސްވެރިންގެ ޕާކުގައި ފާޚާނާ ބަރިއެއް އެޅުމަށް ބަޔަކު ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާއިރު، ބީލަން ފޮތަށް ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ މިިމަހުގެ 26ވަނަ ދުވަހެއެވެ. އަދި ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 28ގައެވެ.
މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.
ބިޑް ހުށައަޅާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހެނީ 10،000 ރުފިޔާއެވެ. އަދި ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑް ކުރި ޢަދަދުގެ 10 އިންސައްތައަށްވާ ރުފިޔާ 14 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.