ޚަބަރު

އެއަރޕޯޓުގައި ސަލާމަތީކަންކަން ވަރުގަދަކުރީ ތްރެޓެއް އޮވެގެނެއްނޫން - ފުލުހުން


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީކަންކަން މިރޭ ވަރުގަދަކުރީ ތްރެޓެއް އޮވެގެން ނޫންކަމަށް މޯލްޑިވްސް ޕޮލިސްސަރވިސުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިޔާ ޒާހިރު ވިދާޅުވީ، ޤައުމީ ވައިގެބަނދަރުގެ ސަލާމަތީކަންކަން ވަރުގަދަކުރީ ސަލާމަތީ ބާރުތައް ގުޅިގެން ހެދި ސެކިއުރިޓީ އެސެސްމެންޓަކާއި ގުޅިގެން، އެހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށްކަމަށެވެ.

އިޒްމިޔާ ވިދާޅުވީ ސަލާމަތީކަންކަން ވަރުގަދަކުރީ ވަކި ޚާއްސަ ތްރެޓެއް އޮވެގެން ނޫންކަމަށެވެ.

ވެލަނާ އެއަރޕޯޓުގެ އިިތުރުން މާލެއާއި ހުޅުމާލޭގައިވެސް ސަލާމަތީ ބާރުތަކުން ތަފާތު ތަމްރީނުތަކާއި، ސަލާމަތީކަންކަމަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރުމަށް މީގެކުރިންވެސް ތަފާތު ތަމްރީނުތަކެއް ވަނީ ހިންގަވާފައެވެ.

އެއްވެސް ތްރެޓެއް އޮވެގެން ނުވަތަ ރައްޔިތުންނަށް ގެއްލުންވާނެ ހާދިސާއެއް ނުވަތަ ކަމެއް ހިނގާފާނެކަމަށް ބެލެވޭނަމަ އެކަން ރައްޔިތުންނަށް ހާމަކުރަމުންދާނެކަމަށް ސަލާމަތީ ބާރުތަކުންވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ.