ވިޔަފާރި

ދިރާގުން ނޯޓް 10 އަދި ނޯޓް 10 ޕްލަސް ރާއްޖެއަށް ތަޢާރަފްކޮށްފި


ދިރާގުން ރާއްޖެއަށް ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ތަޢާރަފްކޮށް، މި ފޯނުތަކަށް ޕްރީ އޯޑަރކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނު ދިރާގުން ދައްކާލާފައިވަނީ އެކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ މަހްމޫދު ދެސަރ އަދި ސެމްސަންގުން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ އޮފް މޯބައިލްސް ވައި.ކޭ. ހްވާންގ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ މަޙްމޫދް ދެސަރ ވިދާޅުވީ ދިރާގުގެ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ފަހުގެ ވަސީލަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދެއްވުމަކީ ދިރާގުން އަބަދުވެސް އިސްކަމެއްދޭކަމެއްކަމަށެވެ. އަދި ކަސްޓަމަރުންނާއި ހަމައަށް އެންމެ ފުރަތަމައަށް މި ފޯނުތައް ފޯރުކޮށްދޭ ފަރާތަކަށް ދިރާގުވުމަކީ ކުންފުންޏަށް ލިބޭ އުފަލެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ދައްކާލާފައިވާއިރު މި ފޯނުގެ ތަފާތު ފީޗާރސްތައް ވެސް ދައްކާލާފައިވެއެވެ.

ދިރާގުން ބުނީ މިހާރު މި ފޯނުތަކަށް ޕްރީ-އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ދިރާގުގެ ވެބްސައިޓުން މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ލިބެން ހުންނާނެކަމަށް ވެސް ދިރާގުން ބުނެއެވެ.