ޚަބަރު

ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް ބެލެހެއްޓުމަށް 849 ދަރިވަރުން ތަމްރީނުކޮށްފި


ސްކޫލްތަކުގެ ކައިރީގައި ޓްރެފިކްގެ ކަންކަން ބެލެހެއްޓުމަށް ފުލުހުން މިހާތަނަށް 849 ސްކޫލް ދަރިވަރުން ތަމްރީންކޮށްފިއެވެ. މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމުގައި ދަރިވަރުން ޝާމިލްކުރުމަށް ފުލުހުން ހިންގާ ޕްރޮގްރާމް "ސްކޫލް ޓްރެފިކް މޮނިޓަރސް" ޕްރޮގްރާމް މިހާރުވަނީ ރަސްމީކޮށް އިފްތިތާޙްކޮށް އެ މަސައްކަތް ފަށާފައެވެ.

"ސްކޫލް ޓްރެފިކް މޮނިޓަރސް" ޕްރޮގްރާމަކީ ޣިޔާސުއްދީން ސްކޫލުގެ މަދު ދަރިވަރުންކޮޅަކާއިއެކު 2014 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ފްރޮގްރާމަކީ ސްކޫލަށް ކުދިންދާ ވަގުތާއި، ސްކޫލް ކައިރީގައި ބާރުބޮޑުވާ ވަގުތުތަކުގައި، ސްކޫލް ދަރިވަރުންގެ އެހީގައި ވެހިކަލް ކޮންޓްރޯލްކުރުމާއި، ހިންގާމީހުންނަށް އެހީވުމާއި، މަގުމަތީގެ ކަންކަން ޤަވައިދާ އެއްގޮތަށް ދޭތޯ ބެލުމަށް ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށްގެދާ މި ޕްރޮގްރާމަށް މިހާތަނަށް ޖުމްލަ 27 ސްކޫލެއްގެ ދަރިވަރުންވަނީ ތަމްރީންކޮށްފައެވެ. މީގެތެރޭގައި މާލޭ ސްކުލްތަކުން 199 ދަރިވަރުންނާއި، އަތޮޅުތަކުގެ އެކި ސްކޫލްތަކުން 650 ދަރިވަރުންނާއެކު ޖުމްލަ 849 ދަރިވަރުންވަނީ "ސްކޫލް ޓްރެފިކް މޮނިޓަރސް"ގެ ގޮތުގައި ތަމްރީންކޮށްފައެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޢަލީ ވިދާޅުވީ ކުދިންނަށް މުޖުތަމަޢުގެ ރީތި އާދަތަށް ދަސްކޮށްދިނުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންގެދާ ކަމެއްކަމަށެވެ. އަދި އާއްމުންނާއި މުޖުތަމަޢުއާއި ގުޅުންހުރި ކަންކަމުގައި ކުދިން ޝާމިލްވެ އުޅުމަކީ ކުދިންނަށް ރީތި އަދަބުތަކާއި އާދަތައް ދަސްވެގެންދާ ކަމެއްކަން މިނިސްޓަރ އައިޝަތު އަލީ ވަނީ ފާހަގަކުރައްވާފައެވެ.

"ކުދިންނަށް ޤަވާއިދުތަކާއި، ޤާނޫނުތަކާއި، މީހުންނަށް އިޙްރިރާމްކުރުމަށާއި، ކަންކަމުގައި އިސްނެގުމާއި، އެހެން މީހުންނަށް އެހީވުމުގެ ރީތި އާދަތައް އެބަ ދަސްވޭ. އަދި މި ކުދިންނަކީ އެހެން ކުދިންނަށް ރީތި ނަމޫނާއަކަށްވެސް ވެގެން އެބަދޭ." މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވިއެވެ.

"ސްކޫލް ޓްރެފިކް މޮނިޓަރސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙް ކުރުމަށް ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަބްދުލް މަންނާން ވިދާޅުވީ މިއީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފެށުނު މުހިންމު މަސައްކަތެއްކަމަށެވެ. އޭނާ ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ނެތުމަކީ އާއްމުންގެ ފަރާތުންވެސް އަންނަ އެންމެ ބޮޑު އެއް ޝަކުވާކަމަށެވެ.

"ފުލުހުންގެ މަޤްޞަދުގެ ތެރޭގައިވެސް މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތައް ކުރެވޭ. މަގުމައްޗާ ކަނޑުމަތީގެ ރައްކާޓެރިކަމަކީ އެންމެ ގިނަ މީހުން ބޭނުންވާ އަދި ފުލުހުންވެސް އެންމެ ފުޅާކޮށް މަސައްކަތް ކުރާ އެއް ދާއިރާ. މިހާރު ފުލުހުން ކުރާ މަޝައްކަތުގައި މިދަނީ ކުޑަ ކުދިން ބައިވެރިކުރެވެމުން." ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ސްކޫލް ޓްރެފިކް މޮނިޓަރުން އުފައްދަނީ ފުލުހުންގެ ޚާއްސަ ތަމްރީންތައް ދީގެންނެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ އަލަށް މި ޓްރެފިކް މޮނިޓަރުން ގޮތުގައި ތަމްރީންވި ދަތުވަރުންނަށް ބެޖު ހަވާލުކޮށްފައެވެ. މި އަހަރު މި ޕްރޮގްރާމްވަނީ 16 ސްކޫލެއްގައި ހިންގާފައެވެ. ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ގްރޭޑް 7، 8، 9ގެ ދަރިވަރުންނެވެ.

ސަކޫލްތަކަށްވަނީ ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމަށްދޭ ފުރުސަތު ފާހަގަކޮށް ހަނދާނީ ފިލާވެސް އަރުުވާފައެވެ.