ވިޔަފާރި

ފަތުރުވެރިން އެންމެ ގިނައިންދާ 14 ރަށެއްގައި ވޯޓަރ ސޭފްޓީ ބޯޑު ބަހައްޓާ ނިމިއްޖެ


ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ 14 ރަށެއްގައި ވޯޓަރ ސޭފްޓީ ބޯޑު ބަހައްޓާ ނިމިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މޫދަށް އެރޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަލާމަތީ އިރުޝާދުތަކާއި، މޫދަށް އެރި އުޅުމާއި، ހެދުން އެޅުމުގައި ގެންގުޅެންވީ މިންގަނޑުތަކުގެ މަޢުލޫމާތު ހިމެނޭ ބޯޑުތައް ރާއްޖޭގެ 19 ރަށެއްގައި ބެހެއްޓުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި 19 ރަށުގެ ތެރެއިން 14 ރަށުގައި ބޯޑު ބަހައްޓާ ނިމި ބާކީއޮތް 5 ރަށް ކުރިއަށްއޮތް ދެތިން ދުވަހުގެ ތެރޭގައި ބޯޑުތައް ބަހައްޓާ ނިމޭނެކަމަށެވެ. މިކަމަށް ލިބޭ ތަރުހީބު ވަރަށް ބޮޑުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ 2 ވަނަ ފިޔަވަހީގެ ގޮތުގައި ރާއްޖޭގެ ޓޫރިސްޓް ގެސްޓްހައުސް ހުރި ހުރިހާ ރަށެއްގައި ސޭފްޓީ ބޯޑު ބަހައްޓަން މިއަހަރުގެ ގަސްދުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތަށް ނިންމީ މިކަމުގެ ބޭނުން ބޮޑުކަމުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އަންނަ އަހަރު މީހުން ދިރުއުޅޭ ހުރިހާ ރަށެއްގައި ސޭފްޓީ ބޯޑު ބަހައްޓާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މި ބޯޑުތަކުގައި ހިމެނޭ ބައެއް މައުލޫމާތުގެ ތެރޭގައި ހާދިސާއެއް ދިމާވެއްޖެނަމަ ގުޅާނެ ނަމްބަރުތަކާއި، މޫދަށް އެރި އުޅުމުގައި ސަމާލުކަން ދޭން ވީ ކަންތައްތަކުގެ އިތުރުން މޫދަށް އެރި އުޅުމުގައި ހެނދުން އަޅަންވީ މިންގަނޑުތައް ފަދަ މައުލޫމާތުތައް ހިމެނެއެވެ.