ޚަބަރު

އިންޑިއާގައި ބާއްވާ "ސްވީޕް 2019" ގައި އައްޑޫ އަންހެނުންގެ ކޮމެޓީ ބައިވެރިވަނީ


އަންނަ މަހު އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި އަންހެން ވިޔަފާރި ވެރިންނަށް ޚާއްޞަ ކޮށްގެން ބާއްވާ 'ސްވީޕް 2019' ޙަރަކާތުގައި އައްޑޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީއިން ބައިވެރިވުމަށް ނިންމައިފިއެވެ.

މިއަންނަ މަހުގެ 6 އިން 7 އަށް އިންޑިއާގެ މަދިޔަޕްރަދޭޝްގެ ޖަބަލްޕޫރުގައި ކުރިއަށްދާ މިހަރަކާތަކީ އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ކޮއްގެން ބާއްވާ ހަރަކާތެކެވެ. މިހަކަރާތް އިންތިޒާމު ކުރަނީ މަދްޔަޕްރަދޭޝް އެސޯސިއޭޝަން އޮފް ވުމަން އެޓަޕްރިނާސް (މާވޭ) އިންނެވެ. ސަސްޓެއިނަބްލް ގްރޯވްތް އޮފް ވުމަން އޮންޓަޕްރަނާސް އެންޑް ޕޮރޮމޯޝަންގެ ނަމުގައި ކުރިއަށް ގެންދާ މިހަރަކާތުގައި ވިޔަފާރި މަޢުރަޒެއްގެ އިތުރުން، ވޯކްޝޮޕައަކާއި މާވޭ އެޗީވްމެންޓް އެވޯޑް ހަފްލާވެސް ބާއްވާނެއެވެ.

މިހަރަކާތާއި ބެހޭ ގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެމުން އައްޑޫ އަހެންނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ ރައީސާ އައިޝަތު ނަދާ ވިދާޅުވީ، މިހަރަކާތުގައި ބައިވެރިވުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ އަންހެން ވިޔަފާރިވެރިންގެ ކުރިއެރުމަށް ގިނަ ކަންކަން ދަސްކުރުމަށާއި، ތަޖުރިބާ ހޯދުމުގެ އިތުރުން އައްޑޫގެ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތަށް ރާއްޖެއިން ބޭރުގައި މާކެޓު ކުރުމުގެ މަޤްސަދުގައި ކަމަށެވެ. ނަދާ ވިދާޅުވި ގޮތުގައި މިހަރަކާތުގައި ބައިވެރިވުމުން ރާއްޖޭގެ އަންހެން ވިޔާފާރި ޕްރޮމޯޓް ވުމުގެ އިތުރަށް އައްޑޫވެސް ޕްރޮމޯޓްވެގެން ދާނެ ކަމަށެވެ.

ޑަބްލިއުޑީސީން މައުލޫމާތު ދިން ގޮތުގައި މިހަރަކާތުގައި އައްޑޫގެ އެކި ތަންތަން ޕްރޮމޯޓު ކުރުމަށް ޑަބްލިއުޑީސީގެ ސްޓޯލެއް ވެސް އިންނާނެއެވެ. މިތަނުގައި ސްވެނިއާރ، އަދި ކާއެއްޗެހި ފަދަ އުފެއްދުންތަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތުގައި ޑަބްލިއުޑީސީގެ ޓީމާއި އެކު އައްޑޫސިޓީ މެދު ދައިރާގެ ކައުންސިލް މެމްބަރު ޖަމްޝީދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވައެވެ.