ޚަބަރު

ފަތުރުވެރިކަމަށް ރަށްތައް ދޫކުރާނީ އެސެސްމަންޓްތައް ހެދުމަށްފަހު - މިނިސްޓަރ ޢަލީ ވަޙީދު


މިސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރަން ރަށްތައް ދޫކުރާނީ ތިމާވެށީގެ ގޮތުންނާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރާނެ އަސަރުތައް ދެނެގަތުމަށްފަހުކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެމްޕީއާރުސީންނާއި ޓޫރިޒަމް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފަތުރުވެރިކަން ތަރައްޤީކުރަން ރަށްތައް ދޫކޮށްފައިވާ މައްސަލާގައި މަޢޫލޫމާތު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޙާޒިރުކުރުމުން، ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފަތުރުވެރިކަމަށް ރަށްތަކެއް ދޫކުރަން ގެޒެޓްކޮށްފައިވާކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ރަށްތައް ދޫކުރަމުން އައި އުސޫލުން ރަށްތައް ދޫކުރަން ބޭނުންނުވާތީ އެ އިޢުލާން ބާޠިލްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ މިސަރުކާރު އާއިފަހުން ފަތުރުވެރިކަމުގެ ބޭނުމަށް މިހާތަނަށް އެއްވެސް ރަށެއް ދޫކޮށްފައިނުވާނެކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދު ފުޅާއެއްގޮތަށް އަލަށް ތަރައްޤީކުރާ ކޮންމެ ރަށެއްވެސް ތަރައްޤީކުރައްވާނީ އެންވަޔަރަމަންޓަލް އެސެސްމަންޓާއި، ސޯޝިއަލް އިކޮނޮމިކް އެސެސްމަންޓް ހެދުމަށްފަހު އެ ރިޕޯޓްގެ މައްޗަށް ބިނާކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ކޮންސަލްޓެންސީ ހޯދުމަށް މިހާރު އިޢުލާންކުރައްވާފައިވާކަން ފާހަގަކުރައްވާ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، އެ އެސެސްމަންޓް ރިޕޯޓްތައް ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ފާސްކުރުމަށްފަހު ނޫނީ ތަރައްޤީކުރަން ހުޅުވާނުލާނެކަމަށެވެ.

"މާނައަކީ ކުއްލިއަކަށް ނޫހުން ކިޔާކަށް ނުޖެހޭނެ މިވެނި އެވެނި ރަށެއް ރިސޯޓް ހަދައިފިއޭ. މިސާލަކަށް ދިމާވި ހުވަދުއަތޮޅުގަ ރަށްތައް ހޯދުމަށް. ދައްޗޭ މިދެންނެވީ ކުރިން އެބަހުރި މަސްވެރިންނަށް ނޭގި އެންވެރިކަން ކުރާ ރަށްތައްވެސް ދޫކޮށްފައި. މިކަން މިހެން ވެގެންނުވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގައި ފަތުރުވެރިކަމަށް ދޫކުރާނެ ރަށްތައް އިޢުލާންކުރާނީ ކަމާ ގުޅުންހުރި ހުރިހާ މިނިސްޓްރީތަކާއި މަޝްވަރާކުރުމަށްފަހުކަމަށެވެ. އެގޮތުން އޯޕެން ބިޑް އުސޫލުން ދޫކުރާނެ ރަށްތައް އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމިއްޔާތުގައި އިޢުލާންކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

"މިފަހަރު ރަށްދޫކުރަން އަމަލުކުރާއިރު ކަލްޗަރަލް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީން އަދި އިކޮނޮމިކް ކައުންސިލުން ކަށަވަރު ކުރުމަށްފަހު ނޫނީ ހާމަނުކުރާނެ. މިސާލަކަށް ގދ.ހައޮޑިގަލާ އެއީ ދޫނި ނިދަން އަރާ ރަށަކަށްވާތީ އެ ރަށުގައި ރިސޯޓް ނުހަދަން އަޅުގަނޑުމެން ވާނީ ނިންމާފައި." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ފަތުރުވެރިކަމަށް މި ސަރުކާރުން ރަށްތައް އިޢުލާންކުރާނީ މީގެ ކުރިން ދެމެހެއްޓެނިވިގޮތެއްގައި ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ ސަރަޙައްދުތަކުގައިކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިފަހަރު ފަތުރުވެރިކަން ތަރައްޤީކުރަން އިޢުލާންކުރާ ރަށްތަކުގެ ތެރޭގައި ހދ.އަތޮޅުގެ ރަށްތައް ހިމެނޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. މީގެ އިތުރުން ބޮޑު ތިލަދުންމައްޗާއި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކާއި، ލ. އަތޮޅާއި ތ.އަތޮޅުގެ ރަށްތަކުގައިވެސް ފަތުރުވެރިކަން ތަރައްޤީ ކުރަން އިޢުލާންކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިއީ ރައްޔިތުންގެ އިތުބާރު ކަށަވަރުކުރުމަށް ނިންމެވި ނިންމެވުމެއްކަމަށް ވިދާޅުވެފައެވެ.