ވިޔަފާރި

ފަތުރުވެރިންނަށް ޙިދުމަތްދޭ 16 އަތޮޅެއް އިންސްޕެކްޓްކޮށް ނިމިއްޖެ


ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 16 އަތޮޅެއްގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެކިއެކި ތަންތަން އިންސްޕެކްޓްކޮށް ނިމިފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، 20 އަތޮޅުގެ ތެރެއިން މިހާތަނަށް 16 އަތޮޅުގެ އިންސްޕެކްޝަން ނިމިފައިވާކަމަށެވެ. އަދި ދުނިޔޭގެ ޓޫރިޒަމް ދުވަސްކަމަށްވާ ސެޕްޓެމްބަރ 27 ގެ ކުރިން މި އިންސްޕެކްޝަން ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތް ނިމުމުން ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަންތަނަށް ޓުއަރިޒަމް މިނިސްޓްރީގެ މިނިމަމް ރިކުއާމަންޓް އެޕްރޫވަލް ސްޓިކަރ ދޫކުރާނެކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ. އަދި އެއަށްފަހު ކޮންމެ އަހަރަކު ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓްކޮށް، ސްޓީކަރ އާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށާއި ސްޓިކަރ އާކުރާނީ އިންސްޕެކްޝަނުން ފާހަގަވި ކަންކަން ރަނގަޅުކުރުމުންކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

"މިނިސްޓްރީ އޮފް ޓޫރިޒަމުން ރާއްޖޭގެ ކޮންމެ ފެސިލިޓީއަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަންކަން އިސްލާހުކުރުމަށް ދަންނަވާނަން. އެއަށްފަހު އަޅުގަނޑުމެންގެ މިނިމަމް ރިކުއަޔަރމަންޓަށް ޕިޓުވާ ހުރިހާ ތަނަކަށް 2020 ވަނަ އަހަރުގެ ސްޓިކާ އަޅުގަނޑުމެން އިޝޫކުރާނަން. އިޔަރލީކޮށް އެ ސްޓިކާ ދެން ރިނިއު ވާނީ އަޅުގަނޑުމެންނަށް ފެނުން ސަލާމަތާއި ރައްކާތެރިކަމާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރަން މިހުރި ރިކުއަޔަރމަންޓްތައް ފުލްފިލްވީމައި." ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ އިންސްޕެކްޓްކުރުމުގެ މަސައްކަތުގެ ތެރެއިން، މުވައްޒަފުންނަށް ލިބިދޭ ޚިދުމަތްތަކާއި ވަޒީފާއާބެހޭ ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި ރިސޯޓްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތައް ބަލާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އިންސްޕެކްޝަންތަކެއް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ. އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

މި އިންސްޕެކްޝަންތައް ނިމިގެންދާއިރު ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ހުރިހާ ކަމެއް ދެނަގަނެވޭނެކަމަށާއި، މިއީ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށްވެސް ސަރުކާރުން ދެކެއެވެ.