ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގައި ލުއިގޮތްތަކެއް ފަހިގެންދާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާ ގުޅޭ ގޮތުން މަޖިލިސް ފްލޯއަށް ވަަޑައިގެން މެމްބަރުންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ވިޔަފާރި ހިންގުމުގައި ހަރުދަނާ އުސޫލުތަކެއް ނެތްކަމަށެވެ. ސަރުކާރުގެ އަމާޒަކީ ނެޝަނަލް ސިންގަލް ވިންޑޯއެއްގެ ދަށަށް ހުރިހާ ވިޔަފާރިތަކެއް ހުށަހެޅުންކަމަށާއި، ޤާނޫނަށް ގެންނަ އިސްލާހާއިއެކު އެކަން ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ހިންގަމުންދާ ބައެއް ހޮޓާ ރެސްޓޯރެންޓްތަކަކީވެސް ރަޖިސްޓްރީއެއްގެ ދަށުން ހިންގާ ތަންތަން ކަމުގައި ވީނަމަވެސް މި އިސްލާހާއިއެކު މިނިސްޓްރީގައި ޤާއިމްވެފައިވާ ނިޒާމުގެ ތެރޭގައި ހުރިހާ ތަނެއް ރަޖިސްޓްރީ ކުރަންޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ހުރިހާ ވިޔަފާރިތަކެއް އެއްތަނަކުން ފެންނަން ހުރުން ކަމަށާއި މިހާރު މި ރަޖިސްޓްރީއާއިއެކު މިހާރު ދައްކަމުންދާ އަހަރީ ފީތަކާއި، ޖޫރުމަނާތައް ދައްކަން ނުޖެހޭނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހިންގަމުންދާ ބޭރުގެ ވިޔަފާރިތަކާއި، ބޭރުމީހުން ރައްޖޭގައި ކުރާ ވިޔަފާރިތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ފޮރިން އިންވެސްޓްމަންޓަކީ ވަކި ޤާނޫނަކުން ލާޒިމްކޮށްފައިވާ ކަންތައްތަކާއިއެކު ރަޖިސްޓްރީ ކުރަންޖެހޭ ވިޔަފާރިތަކެއްކަމަށެވެ. މި ޤާނޫނުގެ ތެރެއިން މި ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި މިހާރު ބިދޭސީން ޤާނޫނާއި ޙިލާފަށް ހިންގަމުންދާ ވިޔަފާރިތައް ރެގިއުލޭޓްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަން ކުރުމުގައި އަމަލުކުރާ އުސޫލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށާއި، މިއީ ކޮންމެހެންވެސް ހައްލު އަންނަންޖެހޭ މައްސަލައްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާގުޅޭގޮތުން މެމްބަރުންގެ ކަންބޮޑުވުންތަކަށް މިނިސްޓަރަ މިއަދު ޖަވާބު ދެއްވާފައިވާއިރު، ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް އެކަށައެޅުމަކީ މުހިންމު ކަމެއްކަމުގައި މިނިސްޓަރ ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.