ޚަބަރު

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފޮނުއްވައިފި


  • ސިންގަޕޫރުގެ ޤައުމީ ދުވަހަކީ 9 އޯގަސްޓް

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ފޮނުއްވައިފިއެވެ. އެމަނިކުފާނު ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވެވީ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެެއްގައެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވަނީ ފޮނުއްވާފައެވެ. އެމަނިކުފާނު ވަނީ ސިންގަޕޫރަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވާފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ބަދަހި ގުޅުމަށް ބަދަލެއް ނައިސް ދެމިއޮންނާނެ ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރަން ރާއްޖެ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވި ދުވަހުއެވެ. ސިންގަޕޫރާއި ދިވެހިރާއްޖެ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.