ވިޔަފާރި

ފަންނު އެކްސްޕޯއަށް ތަރުހީބު ބޮޑު - އިކޮނޮމިކް މިނިސްޓްރީ


ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވީ، މިހާތަނަށް ފަންނު އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. މާލޭގެ އިތުރުން އަތޮޅުތެރެއިންވެސް މި އެކްސްޕޯއަށް މިހާތަނަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަކަމަށް މުޖާހިދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުންކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދީ، ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މުޖާހިދު ވިދާޅުވީ މި މައުރަޒުގައި 2 ގޮތަކަށް ބައިވެރިވެވިދާނެކަމަށެވެ. އޭގެތެރޭގައި ވާދަކުރުމުގެ ބައިންނާއި ޑިސްޕްލޭ ކުރުން ނުވަތަ ވިއްކުމުގެ ބައިންވެސް ބައިވެރިވެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. މި އެކްސްޕޯގައި ބައިވެރިވާ އުފެއްދުންތެރިންނަށް މުސްތަޤްބަލުގައި އިތުރު ފުރުސަތުތައް ހޯދައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި އޮންނަ މިފަދަ ފެއަރތަކުގައި އެ ފަރާތްތަކުގެ އުފެއްފުންތައް ބައިވެރިކުރުމުގެ ފުރުސަތުތައް ހޯދައިދޭނެކަމަށް މުޖާހިދު ވިދާޅުވިއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 22 އިން 28 ގެ ނިޔަލަށެވެ.

މި އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދަރުބާރުގެ އާއި، ކަލާފާނު ސްކޫލްގެ އިތުރުން ކުޑަކުދިންގެ ބަގީޗާގައެވެ. އަދި ދަރުބާރުގޭގައި ހަދާފައި ހުންނަ ޕެވިލިއަންތައް ޙާއްސަކޮށްފައި ހުންނާނީ އެކި އަތޮޅުތައް ވަކިންކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. އެކްސްޕޯގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

މައުރަޒުގައި ޖުމްލަ 6 ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ދާއިރާތަކުގެ ތެރޭގައި ވަކިވަކި ފަރުދުންގެ ދާއިރާއާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ތަޢުލީމު ދޭ މަރުކަޒުތަކުގެ ދާއިރާއާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގެ އިތުރުން ކްލަބު ޖަމިއްޔާތަކުގެ ދާއިރާއިން ބައިވެރިވުމުގެ ފުރުސަތު ހިމެނެއެވެ.