ޚަބަރު

ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާނެގުމަކީ ވަކި ކުށެއްކަމަށް ކަނޑައަޅަން ފާސްކޮށްފި


ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާނެގުމަކީ ވަކި ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނަށް އިޞްލާޙު ގެނައުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށައެޅި ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުގައި ކުޑަކުދިންނަކީ ރައްކާތެރިކަމާއި އަޅާލުން ވަރަށް ބޮޑަށް ބޭނުންވާ ބަޔަކަށްވެފައި، އެކުދިންގެ ފުށުން ނާޖާއިޒް މަންފާ ނެގުން ނުވަތަ "އެކްސްޕްލޮއިޓް" ކުރުންކަމަށް ބެލެވިދާނެފަދަ މާއްދާތަކެއް މިހާރު ހުރި ބައެއް ޤާނޫނޫތަކުގައި ހުރިނަމަވެސް، ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާ ނެގުމަކީ ވަކި ކުށެއްކަމަށް އެއްވެސް ޤާނޫނެއްގައި ކަނޑައަޅާފައިނުވާކަމަށެވެ.

އެހެންކަމުން އެކަމަކީ ވަކި ޢުޤޫބާތެއް ކަނޑައެޅިފައިނުވާ ކަމަކަށްވެފައި، ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާ ނަގާ ފަރާތްތަކަށް އެއްވެސް އަދަބެއްދެވިފައިނުވާކަމަށްވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ. ކޮމިޓީ މަރުހަލާގައި މެންބަރުން ވަނީ މި މައްސަލައަކީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެ، އަވަސް ޙައްލެއް ހޯދަން ބޭނުންވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ނަމަވެސް މި މައްސަލައަކީ، ޙައްލު ހޯދުމުގައި ދަތިތަކެއް ހުރި މައްސަލައެއްކަމުން، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނުއްވާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލާއި، ތަޢުލީމުގެ ބިލު ޑްރާފްޓްކުރެއްވުމުގައި އެކަންކަމަށް ރިޢާޔަތްކުރުމަށް ލަފާދިނުމަށްވެސް މިއަދު ފާސްކުރި ރިޕޯޓްގައިވޭ.

މީގެ އިތުރުން، މި މައްސަލައަކީ އަވަސް ޙައްލެއް ބޭނުންވާ މައްސަލައަކަށްވާތީ، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަޤްޞަދުގައި ކޮމިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުމަށްވެސް މި ރިޕޯޓްގައިވޭ. މި ޤަރާރުގައި މިއަހަރުގެ ސެޕްޓެންބަރު މަހު ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ހިމެނުއްވުމަށްވެސް ވަނީ ގޮވާލައްވާފައެވެ.