ކުޅިވަރު

ފީނާ މުބާރާތުގެ ފެތުންތެރިންނާ ސްރީލަންކާ ހުންނަވާ ސަފީރު ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި.



7ވަނަ ފީނާ ވޯލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ފެތުންތެރިންނާއި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގް ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ.

މި ބައްދަލުވުން އޮތީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައިއެވެ. މި ބައްދަލުވުމުގައި ހަތްވަނަ ފީނާ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން ކަމަށްވާ ހަމްނާ އަޙުމަދާއި، ޢަލީ އިމްރާން އާއި ހުސައިން ހާއިޝް ޙަސަންގެ އިތުރުން ގައުމީ ކޯޗް އިބްރާހިމް މޫސާ އާއި އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު ޝާރިފް ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ އުމުރުން ކިތަންމެ ހަގު ކަމުގައި ވިޔަސް ކޮންމެ ކުއްޖަކަށްވެސް ރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީތައް ހޯދޭނެކަމަށް ވިދާޅުވެއެވެ. ފެތުންތެރިންނަށް ހިތްވަރު ދެއްވާފައެވެ. އަދި މީގެ އިތުރުން ފެތުންތެރިން ވަނީ، ބައިނަލްއަފްވާމީ މުބާރާތްތަކަށް ތައްޔާރުވުމުގައި ފެތުންތެރިންނަށް ހުރި ދަތިތަށްވެސް ސަފީރަށް އޮޅުންފިލުއްވައި ދެއްވާފައެވެ.

މިއަހަރުގެ ފީނާ ވޯލްޑް ޖޫނިއަރ ޗެމްޕިއަންޝިޕް އޮންނާނީ ހަންގޭރީގައެވެ. މުބާރާތުގައި ވާދަ ކުރުމަށް ދިވެހި ފެތުންތެރިން ހަންގޭރީއަށް ފުރާނީ ސްރީލަންކާއިންނެވެ.