ކުޅިވަރު

މާލެއާއި އައްޑޫ ސިޓީގައި ތަރައްގީކުރާ ބެޑްމިންޓަން ކޯޓުތައް އަންނަ ސެޕްޓެމްބަރ މަހު ނިމެނީ


މާލެއާއި އައްޑޫ ސިޓީގައި ތަރައްގީކުރާ ބެޑްމިންޓަން ކޯޓުތައް އަންނަ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ކުޅިވަރާއިބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މާލޭގެ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ހޯލް މަރާމާތުކުރަމުން އަންނައިރު އައްޑޫ ސިޓީގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހިތަދޫ ޔޫތު ސެންޓަރުގެ އިމާރާތް ހުރި ބިމުގައި އަޅާ ބެޑްމިންޓަން ކޮމްޕްލެކްސްގައި ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭއިރު، ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް ދެ ފަންގިފިލާގެ އިމާރާތެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީއާއި މާލޭގައި މި ހިނގާ ދެ ޕްރޮޖެއްކްޓަށް 9 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ. އަންނަ ސެޕްޓެމްބަރު މަހު ބެޑްމިންޓަން އެސޯސިއޭޝަނުން ބައިނަލްއަގްވާމީ 2 މުބާރާތެއް ބާއްވަންވަނީ ނިންމާފައެވެ. އެއީ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖާއި، މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗަރ ސީރީސްއެވެ.

އަދި އޮކްޓޯބަރު މަހު އައްޑޫ ސިޓީގައި ބާއްވަން ނިންމާފައިވާ ބައިނަލްއަގްވާމީ މުބާރާތަކީ ސައުތް އޭޝިއަން 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތެވެ.