ވިޔަފާރި

ސަޢުދީގެ ތާރީޚީ ބިން، "އަލް ޢުލާ"ގައި 3 ރިސޯޓު ހުޅުވަނީ


ސަޢުދީ އަރަބިއްޔާގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޤައުމުގެ ތާރީޙީ ސަރަޙައްދެއްކަމަށްވާ "އަލް ޢުލާ" ގައި 3 ރިސޯޓު ހުޅުވުމަށް ނިންމައިފިއެވެ.

ސަޢުދީން މި ރިސޯޓު ތަރައްޤުކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ލަގްޒަރީ ހޮޓެލް ގްރޫޕެއްކަމަށްވާ "އާމާން" ރިސޯޓްސްއާ ގުޅިގެންނެވެ.

ސަޢުދީ ޢަރަބިއްޔާގެ އުތުރުގެ މަދީނަތުލް މުނައްވަރާއި ތަބޫކާއި ދެމެދު އޮންނަ އަލް ޢުލާއަކީ ތާރީޚީގޮތުން މުއްސަނދި ސަރަޙައްދެކެވެ. މީލާދީ ސަނަތުން 4000 އަހަރުގެ ކުރިން ފެށިގެން މީލާދީ ސަނަތު ފެށުމުގެ ކުރިން ދެވަނަ ޤަރުނާއި ހަމައަށް މި ބިމުގެ ސަރަޙައްދެއްކަމަށްވާ އަލްޙިޖްރް ނުވަތަ މަދާޢިން ޞޯލިޙްގައި ދިރިއުޅުނީ ޘަމޫދު ބާގައިގެ މީހުންނެވެ. މިބައިމީހުންނަކީ ހިލަތައް ކަނޑައިގެން ގެތަށް އެޅިބަޔެކެވެ. އެހެންނަމަވެސް ޞޯލިޙް އަލައިހިއްސަލާމް ނަބީކަމާއިގެން ފޮނުއްވުމަށްފަހު ﷲ އަށް އުރެދުމާއި ޝަރީކަކުރުން ގިނަވެ މަތް ﷲގެ ކޯފާ މިބައިމީހުންގެ މައްޗަށް އައެވެ. އަދި ގަދަފަދަ އަޑަކާއެކު ޘަމޫދު ބާގަ އެއްކޮށް ހަލާކުކޮށްލެވިއެވެ.

ނަމަވެސް މިއަދާއި ހަމައަށް ވެސް މި ބިމުގައި މީހުން ދިރިއުޅުނު ކަމުގެ ހަމައެކަނި ނިޝާނަކަށް ހުރީ މި ބައިމީހުންގެ ގެތަކެވެ. 22,561 އަކަ ކިލޯމީޓަރުގެ މި ބިމުގައި ހިލައިން ހަދަފައިވާ 800 އަށް ވުރެ ގިނަގެ މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު ޔުނެސްކޯއިން ވަނީ ދުނިޔޭގެ ހިމާޔަތްކުރާ ތަންތަނުގެ ތެރޭގައި މި ސަރަޙައްދު ހިމަނައިފައެވެ.

އަލް ޢުލާގެ ތާރީޚު ކިތަންމެހައިވެސް ދިގެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް އަޞްހާބުންނާއެކު ޝާމަށް ވަޑައިގެންނެވި ދަތުރުގައި މި ތަނުގެ ކައިރިން ދަތުރުކުރެއްވިކަމެވެ.
ކޮންމެއަކަސް މިހާރު ސަޢުދީއިން ވަނީ މިބިމުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ރިސޯޓުތައް ތަރައްޤީކުރުމަށް ނިންމާފައެވެ. މި ރިސޯޓުތަކާއެކު ސަޢުދީގެ އަމާޒަކީ އެޤައުމަށް ގިނަ ފަތުރުވެރިން ގެނައުމެވެ.

އަލްޢުލާގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ދުނިޔޭގެ ލަގްޒަރީ ހޮޓެލް ގްރޫޕެއްކަމަށްވާ "އާމާން" ރިސޯޓްސްއާ ގުޅިގެންނެވެ. މިއީ އާމާން ގްރޫޕުން ސަޢުދީގައި ރިސޯޓް ތަރައްޤީކުރާ ފުރަތަމަ ފަހަރެވެ. އަލް ޢުލާގައި ރިސޯޓު ތަރައްޤީކުރުމުގެ މި އެއްބަސްވުމުގައި ސަޢުދީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސައުދީގެ މިނިސްޓަރ އޮފް ކަލްޗަރ، ޕްރިންސް ބަދުރް ބިން އަބްދުﷲ ބިން މުޙައްމަދު ބިން ފަރްޙާން އަލް ސަޢުދްއެވެ. އަދި އަމާން ރިސޯޓްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ސީއީއޯ ލަސްދިސްލޭވް ދޮރޯނިން އެވެ.

ޢުލާގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ރިސޯޓުތައް ތަފާތު ފަރުމާތަކަށް ބަހާލާފައިވެއެވެ. އެގޮތުން ކޭމްޕުކުރާ ޓެންޓުތަކުގެ ބައްޓަމަށް އަދި ސަހަރާ ތީމަށް ދެ ރިސޯޓު ފަރުމާކުރުމަށް ހަމަޖެހިފައިވެއެވެ. ތިން ވަނަ ރިސޯޓު ތަރައްޤީކުރަނީ އަލް ޢުލާގެ ތާރިޚީ ބިނާތައް ހިމަނައިގެން ސަޢުދީގެ ތާރިޚު ދައްކާލެވޭގޮތަކަށެވެ. މި ރިސޯޓުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުއެވެ.

މި ޕްރޮޖެކްޓްގެ އިތުރުން ވެސް ސަޢުދީ އަރަބިއްޔާ ފަތުރުވެރިކަމުގެ ހަބަކަށް ހެދުމަށްޓަކައި "ނިއޯމް" ގެ ނަމުގައި ސްމާޓް ސިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތް ސަޢުދީން މިހާރު ދަނީ ކުރަމުންނެވެ. މި ސިޓީ ކުރިއަށްއޮތް 10 އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސަޢުދީން ބުނާއިރު ސަޢުދީން ވަނީ 2023 ގެ ނިޔަލަށް އެޤައުމަށް ކޮންމެ އަހަރަކު 5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައެވެ.