ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްދޭ ތެރަޕީގެ ޚިދުމަތް ފުޅާކުރުމަށް މަޝްވަރާކޮށްފި


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފަށާފައިވާ ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފެށިގެންދާއިރު އެސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާގައިވެސް ތެރެޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންނާއި، މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން 5 އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާގޮތެއްގައި މޮނިޓަރ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރާއި ޖެންޑަރ މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާއި އިންކްލޫސިވް އެޑިއުކޭޝަން ޑިޕާރޓްމަންޓްގެ އިތުރުން އެންސްޕާއާއި އާސަންދައިގެފަރާތުން އޮފިޝަލުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންނަށް ބޭނުންވާ ތެރަޕީތަށް ރާއްޖެއިން ލިބޭނެގޮތް ހެދުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. އަދި އާސަންދައިން ކުރިން ނުލިބޭ ތެރަޕީތައް އާސަންދައިން ލިބޭނެ އިންތިޒާމް ސަރުކާރުން މިހާރުވަނީ ހަމަޖައްސާފައެވެ.