މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމަށް މަޖިލީހުގެ ރައީސް އިސްނަންގަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރެއްވި ސުޕަރ ކޮމިޓީ އުފައްދަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.
މި ކޮމިޓީ އުފެއްދުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި ނެގިވޯޓުން އެކޮމިޓީ އުފައްދަން ނުފެންނަކަމަށް ވަނީ ނިންމާފައެވެ. ކޮމިޓީގައި ބައިވެރިވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މިނިވަން މުވައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގައި ކޮމިޓީއެއް އޮންނަކަމަށެވެ. އަދި އެކޮމިޓީއާއި، އަދިވެސް އެހެންކޮމިޓީތަކުގެ ބާރު ކެނޑޭގޮތަށް ސުޕަރ ކޮމިޓީއެއް އުފެއްދެވުމަކީ އެކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންވެސް ތާއީދު ކުރައްވާ ކަމެއްނޫންކަަމަށެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ކަންކަން ހަމަޖެހިފައިވާގޮތުން އެޕާޓީގެ ޕީޖީ ގްރޫޕުން މަޖިލީހަށް އެއްވެސް ކަމެއް ހުށަހެޅޭނީ ޕީޖީ ގުރޫޕްގެ ރުހުމާއެކުގައެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލާ ކޮމިޝަންތައް ފެއިލްވާން ބޭނުންނުވާކަމަށާ، މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އެގޮތަށް ވިސްނުން ބަހައްޓައިގެންކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްވެސް ވަނީ ވިދާޅުވެފައެވެ.
މިނިވަން މުވައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގައި ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ މަޖިލީހުގައި ހަރުދަނާ އުސޫލުތަކެއް ނެތުން ކަމަށާއި، އެކަމަށް ޙާއްސަ އިސްކަމެއްދީގެން ކުރައްވާނެކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ.