ޚަބަރު

ޙައްޖާޖިންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް އައިޖީއެމްއެޗުގައި ހަމަޖައްސައިފި


ޙައްޖާޖިންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް އައިޖީއެމްއެޗުގައި ހަމަޖައްސައިފިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖާޖީންނަށް ޚާއްޞަކޮށްގެން ޙައްޖު އޯޕީޑީގެ ނަމުގައި އައިޖީއެމްއެޗުގައި ޤާއިމްކޮށްފައިވާ މި އިންތިޒާމުގެ ދަށުން ހުޅުވާފައިވާ ކްލިނިކް ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރު ދެއަކުން ރޭގަނޑު ދިހައެއްޖެހުމާ ހަމައަށް ހުޅުވާފައި ހުންނާނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ހައްވާ އަފީފާ ވިދާޅުވީ ޙައްޖާޖީންނަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ޙައްޖު އޯޕީޑީން އެއްވެސް އެޕޮއިންޓްމަންޓަކާ ނުލައި ޙައްޖާޖީންނަށް ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ. އަދި އެ ކްލިނިކްގެ ތެރެއިން ބަލިމީހާއަށް ބޭނުންވާ ހުރިހާކަމެއް ކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު އަންނަ ޙައްޖާޖީންނަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް މިފަދަ ކްލިނިކްތައް ހުޅުވަމުންދާކަން ފާހަގަކުރެވެއެވެ. ޙައްޖުވެރިން އެނބުރި މާލެއަންނައިރު ބަލިތައް ފެތުރިދާނެތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެނބުރި އަންނަ ޙައްޖާޖީން ބަލިވެއުޅޭނަމަ ބަލި ޙާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ޙައްޖާޖީންނާއި އެމީހުންގެ ޢާއިލާތަކުން ސަމާލުވުމަށް އެޗްޕީއޭއީންވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ހައްޖު މޫސުން ނިމި ޙައްޖާޖީން މާލެ އަންނަ ދުވަސްވަރަކީ އެކިކަހަލަ ބަލި މަޑުކަމާ ކުރިމަތިވާ ދުވަސްވަރެކެވެ. އެގޮތުން ޙައްޖުވެރިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައިސް، ކެއްސައި ނޭވާލާން އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ޑޮކްޓަރަކަށް ދައްކާއިރު ޙައްޖުން އެނބުރު އައި މީހެއް ކަމުގެ މަޢުލޫމާތުދިނުމާއި އިތުރު ބަލިމަޑުކަމެއްގެ ޢަލާމާތެއް ފެންނަނަމަ ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗަކުން ނިވާކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ. އަދި ބޭނުންކުރާ މާސްކާއި ޓީޝޫފަދަތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމުން އެކަމަށް ސަމާލުވެ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުން މުހިންމުކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

މިފަދަ ބަލިތައް ޖެހިއްޖެނަމަ ސައިބޯނިލައިގެން އަތްދޮވުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ކުޑަކުދިންގެ ކައިރިއަށް ނުދިޔުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާ، އަރާމުކުރުމުގެ އިތުރަށް ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ ލަފަޔާނުލައި ބޭނުން ނުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.