ޚަބަރު

ކައުންސިލަރުންނަށް ބާއްވާ ފޯރަމުގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުޞަތު ދޭން އެމްޑީޕީން ނިންމައިފި


އެމްޑީޕީން ކައުންސިލަރުންނަށް ބާއްވާ ފޯރަމުގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އިސްނަގައިގެން އެޕާޓީގެ ކައުންސިލަރުންނަށް ބޭއްވުމަށް ހަަމަޖެހިފައިވާ ފޯރަމާއި ގުޅޭގޮތުން އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ މި ފޯރަމަކީ ކައުންސިލަރުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި، ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ ފޯރަމެއްކަމަށެވެ. މި ފޯރަމްގައި ކައުންސިލަރުންނަށް ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، ކައުންސިލަރުންގެ ތެރެއިން މިނިސްޓަރުންނާއި ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެދާއިރާގައި ހިންގަން ހުރި މަޝްރޫޢުތަކާއި، މައްސަލަތަކާއި ގުޅޭގޮތުން ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުޞަތު ބްރާސްފަތި ދުވަހު ލިބިގެންދާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން އިންތިޒާމް ކޮށްގެންބާއްވާ މި ފޯރަމް ހުޅުވުމުގެ ގޮތުން ބުރާސްފަތި ދުވަހު ހެނދުނު ބާއްވާ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތައް ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހުރަވީ ސްކޫލުގައެވެ. އެމްޑީޕީގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން މިފަދަ ފޯރަމެއް ބާއްވާއިރު، މިމަހުގެ 30 އިން 31 އަށް އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކޮންގްރެސްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.