ޚަބަރު

އަފްޣާނިސްތާނުގައި ދިން ޓެރަރިސްޓު ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފި


އަފްޣާނިސްތާނުގެ ކާބުލްގައި ކުރިއަށްދިޔަ ކައިވެނީގެ ޙަފްލާއަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ސަލާހުއްދީން ރައްބާނީއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވަނީ ކާބުލްގައި ދިން ޓެރަރިސްޓް ހަމަލާގައި 63 މީހަކު މަރުވެ، 180 އަށްވުރެ ގިނަ މީހުން ޒަޚަމްވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމަޔާއިއެކުގައިކަމަށެވެ. އަދި މިފަދަ ޓެރަރިޒަމްގެ ފިނޑި އަމަލުތަކާއި، ކުށެއް ނެތް މީހުންނާއި ދެކޮޅަށް ދެވޭ ހުރިހާ ބާވަތެއްގެ ޙަމަލާތައް ދިވެހިރާއްޖެއިން އަބަދުވެސް ކުށްވެރިކުރާކަމަށް މިނިސްޓަރގެ މެސެޖްގައި ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކޮށް، ޓެރަރިޒަމްގެ ވަބާއިން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ މުޖްތަމައާއި ގުޅިގެން ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

އަފްޣާނިސްތާނަށް ދިމާވެފައިވާ މިހިތާމަވެރި ދަނޑިވަޅުގައި އަފްޣާނިސްތާނުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ވާކަން ހާމަކުރައްވައި، އެ ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ކުރިއަށްގެންދިޔަ ކައިވެނީގެ ހަފުލާއަކަށް އަމާޒުކޮށްގެން ދިން ނުރައްކާތެރި ހަމަލާގެ ޒިންމާ އެ ޤައުމުގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތުން ވަނީ އުފުލާފައެވެ.