ސިޔާސީ

ތިމާވެށީގެ މަސައްކަތްކުރުމަށް ރައީސް ނަޝީދު ޖަމްޢިއްޔާއެއް އުފައްދަވައިފި


ތިމާވެށްޓައި މޫސުމަށް އަންނަ ބަދަލުތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި މީހުން ތޭލުންތެރިކުރުމަށް މަސައްކަތްކުރައްވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވައިފިއެވެ.

މި ޖަމްޢިއްޔާ މިއަދު ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓްރީކޮށްފައެވެ. ރައީސް ނަޝީދު އުފެއްދެވި ތިމާވެށްޓާ ގުޅުންހުރި މި ޖަމްޢިއްޔާއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓަށް އެކަމުން ކުރާ އަސަރުތައް ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ތަރައްޤީކުރެވޭނެ ގޮތްތަށް ހޯދުމެވެ. އަދި އެމަސައްކަތުގައި ތިމާވެށްޓައި އެންމެ ރަށްޓެހި އަދި ގެއްލުން އެންމެ ކުޑަވާގޮތށް ކުރެވޭނެ މަސައްކަތްތައް ހޯދާ ދިރާސާކުރުމާއި، ރާއްޖޭގެ ފަރުތަކާއި އެނޫންވެސް ތިމާވެށްޓާ ގުޅުންހުރި ތަންތަން ޙިމާޔަތްކުރުމަށް މަސައްކަތްކުރުމެވެ.

"މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ ނަމުގައި އުފެއްދެވި ޖަމްޢިއްޔާގެ މުއައްސިސަކީ ރައީސް ނަޝީދުގެ އިތުރުން ގ.އާނޫރާނީ މަރިޔަމް ރާޙީލް ނަސީމެވެ. އަދި އެޖަމްޢިއްޔާގެ އިދާރީ އޮފީހަކީ ރައީސް ނަޝީދުގެ ގެކޮޅުކަމަށްވާ ގ.ކެނަރީގެއެވެ. މި ޖަމްޢިއްޔާގެ ފަރާތުން ވަނީ އައްޑޫސިޓީ ހިތަދޫގައިވެސް އޮފީހެއް ހުޅުވާފައެވެ.

ރައީސް ނަޝީދަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ރަށްޓެހި މަޝްރޫޢުތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޑުއުފުއްލަވާ، ޤައުމުތަކުގެ މެދުގައި މަޤްބޫލޫ ބޭފުޅެއްވެސްމެއެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދަކީ އދ.ގެ "ޗެމްޕިއަން އޮފް ދަ އާތު"ގެ ލަޤަބުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮޕް 24 ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ޚައްޞަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.