ސިޔާސީ

ކުރީގެ ސަރުކާރުގައި ޤުރުޢާން މުބާރާތްތައް ބޭއްވީ ފެންވަރު ދަށްވާގޮތަށް - އިސްލާމިކް މިނިސްޓްރީ


ކުރީގެ ސަރުކާރުގައި ޤުރުޢާން މުބާރާތްތަށް ބާއްވާފައިވަނީ ފެންވަރު ދަށްވާގޮތަށްކަމަށް އިސްލާމްކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވީ މިސަރުކާރުގައި މިހާތަނަށްވެސް ޤުރުޢާން މުބާރާތެއް ބާއްވާފައި ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުވިދާޅުވެފައިވަނިކޮށެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގައި ބާއްވަމުންއައި ޤުރުޢާން މުބާރާތްތައް މިސަރުކާރުގައިވެސް ބާއްވާނެކަމަށެވެ.

އެގޮތުން 33ވަނަ ޤައުމީ ޤުރުއާން މުބާރާތް އަންނަ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު ބާއްވާގޮތައް ނިންމާފައިވާކަމަށާ، އެމުބާރާތް ބާއްވާނެކަން މާކުރިންސުރެ ސަރުކާރުން އިޢުލާންކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން ކުރާ ކަންކަން ނުބަލައި ފާޑުކިއުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތައް ވަރަށް އަވަހަށް ޢާންމުކުރައްވާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދެއްކެވި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ކުރީ ސަރުކާރުގައި ޤުރުއާން މުބާރާތްތައް ބާއްވާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށާ، ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށްވެސް ފައިސާގެ އިނާމް ދިނީ މިސަރުކާރު އައުމަށްފަހުކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް "އައްނޫރުލް މުބީން" ބާއްވާފައިވަނީ 2018ވަނަ އަހަރުއެވެ. ނަމަވެސް ސަރުކާރު ބަދަލުވީއިރުވެސް މުބާރުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ފައިސާ ނުދީހުރިކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެމުބާރާތަށް ޚަރަދުކޮށްފައިވަނީ ދައުލަތުން ނޫންކަމަށާ، މުބާރާތަށް ޚާރަދުކޮށްފައިވަނީ ޒަކާތު ފަންޑުންކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވެފައިމިވަނީ 30 އަހަރު ވަންދެން ބާއްވަމުން އައި ޤައުމީ ޤުރުއާން މުބާރާތާއި ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ އިތުރުން ސްކޫލްތަކުގެ މެދުގައި ބާއްވަމުންއައި ޤުރުއާން މުބާރާތް މިއަހަރުގެ މިހާތަނަށް ވެސް ނުބާއްވާކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިސަރުކާރަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުން އަންނަނީ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއްވެސް ހިންގަމުންނެވެ. އަދި މިޕްރޮގްރާމްގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މިހާތަނަށްވެސްވަނީ ބައިވެރިވެފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމުގެ ބައެއް ޕްރޮގްރާމުތަކުގެ ކޯސް ފީ ސަރުކާރުން މަޢާފުކޮށްދީފައިވާއިރު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައްވެސް އަތޮޅުތަކުގައި އަންނަނީ ހުޅުވަމުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން ވިދާޅުވީ ޙާފިޒުން އުފެއްދުމަށް މިސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.