ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރަށް ކަނޑައެޅި ކަންކަން ހާސިލްވާނެ - އަލީ ނިޔާޒް


ބަޖެޓުގެ ތެރެއިން ކުރައްވަން ސަރުކާރުން މިއަހަރަށް ކަނޑައަޅުއްވާފައިވާ ކަންކަން، ސަޕްލިމަންޓްރީ ބަޖެޓާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވިދާނެކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ސަޕްލިމަންޓްރީ ބަޖެޓާގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކާގުޅިގެން ނިޔާޒް ވިދާޅުވީ ބަޖެޓްގެ ދައްޗެއް ސަރުކާރަށް ދިމާވެފައިނުވާކަމަށާ، ފާއިތުވެދިޔަ ދުވަސްތަކުގައި ބޭރުގެ ގިނަ ޤައުމުތަކުން ރާއްޖެއަށް ގިނަ ޢަދަދެއްގެ ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެފައިސާތައް ބަޖެޓްގައި ހިމެނުމަކީ ސަރުކާރުން ބޭނުންވާގޮތްކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

މިފައިސާއާއެކު ސަރުކާރުން މިއަހަރަށް އަމާޒުކުރައްވާފައިވާ ކަންކަން ޙާސިލްކުރެވޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ނިޔާޒް ވިދާޅުވިއެވެ. މިއަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކަޑައަޅާފައިވަނީ ހަތް ބިލިޔަން ރުފިޔާ ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް ބޭނުންކުރެވިފައިވަނީ އެކެއް ޕޮއިންޓު ފަހެއް ބިލިޔަން ރުފިޔާއަށްކަމަށްވާއިރު ބާކީ ހުރި ފައިސާއަކީވެސް ސަރުކާރުގެ މަޝްރޫޢުތައް ނިންމުމަށް ހުރި ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.

ސަޕްލިމަންޓްރީ ބަޖެޓަކީ ސަރުކާރުގައި ފައިސާނެތިގެން ހުށަހަޅާ ބަޖެޓެއް ނޫންކަމަށާ، މިއީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހަޅާ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ ތިރީސް ޕޮއިންޓު ދޭއް ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.