ޚަބަރު

މަޖިލީހުން ޤާނޫނެއް ފާސްކޮށްގެންވެސް "ވާނުވާ" މައްސަލައަށް ޙައްލެއް ގެންނަން ޖެހޭ - ޝަމީމް


ޝަރީއަތް ނިމެންދެން މުއްދަތެއްނެތި ބަންދުގައި ބަހައްޓާ މައްސަލައަށް ހައްލެއްގެނެވޭނީ، މަޖިލީހުން ޤާނޫނެއް ފާސްކޮށްގެންކަމަށްވާނަމަ އެކަންކޮށްގެންވެސް މިމައްސަލަ ޙައްލުކުރަންޖެހޭކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބިމީހުންގެ މައްސަލަތައް ނެބެލި ލަސްވަމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ ޑެޕިއުޓީ ޕީޖީގެ މަޤާމުވެސް ފުރުއްވާފައިވާ ޙުސައިން ޝަމީމް ވިދާޅުވީ ޖަލުގައި ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ޝަރީއަތެއް ނޮކޮށް، ބަންދުގައި ބާތިއްބާފައިވާކަމަށެވެ.
މިކަން މިގޮތަށް ދިމާވަނީ ޖިނާއީ އިޖުރާތުގެ ޤާނޫނަށް ޢަމަލުނުކުރެވޭތީކަމަށާ، މިފަދަ މައްސަލަތަކުގައި ޖަލައްލާފައިވާ ގިނަމީހުންނާއިމެދު މިހާތަނަށް ޢަމަލުކޮށްފައިވަނީ ވަރަށް ދެރަކޮށް ކަމަށްވެސް ޗަމީމް ވިދާޅުވިއެވެ. މިކަން ރަގަޅުކުރެވެން އޮތީ މަޖިލީހުން މިކަމަށް ވަކިޤާނޫނެއް ހަދައިގެން ކަމަށްވާނަމަ އެކަންވެސް ކުރަންޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނުގައި މިގޮތަށް ޖަލަށްލެވޭ މީހުންނާމެދު ތުހުމަތުކުރެވޭ ކުށަކީ ބޮޑުކުށަކަށްވާންޖެހެއެވެ. މިފަދަމީހުން ޖަލުބަންދުގައި ބަހައްޓަންޖެހޭ ސަބަބުތަކުގެ ތެރޭގައި ތުހުމަތުކުރެވޭ ހެކި ނައްތާލުމާއި، ފިލާފާނެކަމަށް ނުވަތަ ހެކިފޮރުވައި ހެކިންނަށް ނުފޫޒުފޯރުވާނެކަމަށް ބެލެވުން ހިމެނެއެވެ. ޤާނޫނުގައި މިގޮތަށް ބަޔާންކޮށްފައިވީނަމަވެސް ބައެއް ފަޑިޔާރުން މާނަކުރައްވަނީ ވަރަށް ލުއިކޮށްކަމުގައި ޝަމީމް ވިދާޅުވިއެވެ. ޖިނާއީ އިޖުރާތުގެ ޤާނޫނުގައި 70 ދުވަހުގެތެރޭގައި ޝަރީޢަތް ނިންމަންޖެހޭކަމަށް ވަނީ ބުނެފައެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށް ޖަލަށްލެވޭ މީހުންނާމެދު މިގޮތަށް ޢަމަލުކޮށްފައި ނުވާކަމަށާ، މިހާރު އޮތީ ގިނަ މީހުން ޖަލަށްލުމަށްފަހު ހަދާންނެތޭ އުސޫލެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ތެރޭގައި ހުރި މިފަދަ މައްސަކަތައް ހައްލުކުރުމަށް ޖޭއެސްސީއާއި، ރައްޔިތުންގެ މަޖިލީހުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާކަމަށާއި، މިމަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް މަހެއް ނުވަތަ ދެމަހެއްހައި ދުވަހުގެ ތެރޭގައި ފެންނާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ތިބޭ މީހުންނަށް ބަދަލުލިބޭނެ އުސޫލެއް ނެތްކަމުގައި ވިޔަސް، މިފަދަ މައްސަލަތަކުގައި ޖަލުގައި ތާށިވާ މީހުންގެ ހައްގުތަކަށް އިޙްތިރާމް ކުރަންޖެހޭކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ބައެއްފަހަރަށް އަހަރު ދެއަހަރު ޖަލުގައި ބޭއްވުމަށްފަހު ކުށެއް ސާބިތުނުވާކަމަށް ހުކުމްތައް އައިސްފައިރު، ބައެއް މީހުން ޖަލުގައި ބާއްވާތާ އެތައް ދުވަހެއްފަހުން ހުކުމްކުރާއިރު ހުކުމް ކުރާ މުއްދަތަށްވުރެ މާގިނަ ދުވަހު އޭނާ ޖަލުގައި ބޭއްވުންފަދަ މައްސަލަތައް ދިމާވެފައިވެއެވެ. އަތޮޅުތަކުގައި މިފަދަ ތުހުމަތުތަކުގައި ޖަލަށްލެވޭ މީހުންނާމެދު ޢަމަލުރަމުންދާ ގޮތަކީ އަދި މާނިކަމެތި ގޮތެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

އަތޮޅުތަކުގެ ކޯޓްތަކުން ޝަރީއަތް ނިމެންދެން ޖަލުބަންދަށް ބަދަލުކުރާ މީހާ ލަނީ މާލެ ޖަލަށްނުވަތަ ދޫނިދޫ ޖަލަށްކަމަށްވާއިރު އޭނާގެ ޝަރީއަތް ކުރުމަށް ބޭނުންވާދުވަހަށް އެރަށަކަށް ގެންދިއުމަކީ ފަސޭހަކަމެއް ނޫނެވެ. މިހެންދިމާވަނީ ދަތުރު ޚަރަދާއި، އެކަމޮޑޭޝަންގެ ޚަރަދުބޮޑުވުންކަމަށާއި، މިކަމަކީވެސް ޙައްލުތަކެއް އަންނަންޖެހޭ ކަމެއްކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މިފަދަ މީހުންގެ ލިސްޓެއް ނަގައި މިފަދަ މީހުންގެ ޝަރީއަތްތައް ބަލައި، ގޭބަންދަށާއި، ރަށު ބަންދަށާއި، އެނޫންވެސް ޝަރުތުތައް ކަޑައެޅުމަށްފަހު ލުއިދޭންޖެހޭ މީހުންނަށް ލުއިތަކެއް ދޭންޖެހޭކަމަށް ޤަބޫލުކުރައްވަމަށެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ތިބި މީހުންގެ ސާފު ޢަދަދެއް އެގެން ނެތްކަމުގައި ވީނަމަވެސް ކަންބޮޑުވާންޖެހޭ ޢަދަދެއްގެ ބަޔަކު ތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ. މިގޮތަށް ޖަލުތަކުގައި ތިބި މީހުންނަށް ގެއްލުމުގެ ބަދަލެއް ދޭންޖެހިއްޖެ ކަމުގައިވާނަމަ މިބަދަލު ދިނުމަކީ ދައުލަތަށް ކުޅަދާނަކަމަކަށް ނުވާނެކަމަށް މެމްބަރުން ވިދާޅުވެފައިވެއެވެ.