ހެންވޭރު ލޮނުޒިޔާރަތް ކޮޅުގައި ތަރައްޤީ ކުރަމުންދާ ޕާކް ޢާއްމުންނަށް ހުޅުވާ ނުލައި މަޑުޖައްސާލާފައިވަނީ އެތަނުގައި ހައްދަމުންދާ ގަސްތައް ރަނގަޅަށް ހެދެންދެންކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ލޮނުޒިޔާރަތް ޕާރކް ތަރައްޤީކުރުމުގެ ހުރިހައި މަސައްކަތެއްހެން މިހާރު ނިމިފައިވާކަމަށެވެ. އެހެންނަމަވެސް އެތަން ޢާއްމުންނަށް އަދި ހުޅުވާލާފައި ނުވަނީ އެތަނަކީ ފެހިކަންގަދަ ތަނެއްގޮތަށް ތަރައްޤީ ކުރަމުންދާ ތަނަކަށްވެފައި އެތަނުގައި އިންދާފައިވާ ގަސްތަކާއި ރުއްތައް ރަނގަޅަށް ހައްދަންކަމަށެވެ. އެހެންކަމުން އެތަން ހުޅުވާނެ ވަކިދުވަހެއް އަދި ނޭގޭކަމަށް ޝަމާއު ވިދާޅުވިއެވެ.
ކުރިން މާބޮޑު ފެހި ކަމެއް ނެތް ސަރަޙައްދަކުން މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ.
ރުއްތަކާއި ގަސްތައް އިންދައިގެން ހައްދަމުންދާއިރު ފެހި ވިނަގަނޑާ އެކު މުޅި ސަރަހައްދުގެ ހިތްގައިމެވެ. މީގެ އިތުރުން ޢާއްމުންނަށް އިށީދެ ހިތްފަސޭހަކޮށްލަން ތިބެވޭނެ އިންތިޒާމްވެސް އެތަނުގައިވަނީ ހަމަޖައްސާފައެވެ. މިއަދު އެ ސަރަހައްދުން ފެންނަމަންދާ ގަސްތަކުގެ އާރޯކަމާއި ވިނަގަނޑުގެ ފެހިކަން ދެމެހެއްޓިއްޖެ ނަމަ އެސަރަޙައް ދާ ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭނެއެވެ. ތަފާތު ވައްތަރުގެ ގަސްތަކާއި ރުއްތައް އިންދައި އެތަން ރީތިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރުމަށް ހަމަޖައްސާފައިވަނީ އެ ތަނުގައި ބޮޑެތި ޢިމާރާތްތައް ނާޅާގޮތަށެވެ. އެހެންނަމަވެސް އެތަންތަނަށް ޒިޔާރަތްކުރާމީހުންނަށް ކާބޯތަކެތި ގަނެވޭގޮތަށް ކުދިކުދި ތަންތަން ހަދާނެކަމަށާ، މިކަންވެސް ކުރާނީ ބީޗް ކޮންސެޕްޓް ނުގެއްލޭގޮތަށްކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. ތާޒާ ވައިލިބޭނެގޮތަށް ކުޅިވަރު ކުޅުމަށާއި، ޕާކެއްގެ ހިތްހަމަޖެހުން ލިބޭގޮތަށް އެސަރަހައްދުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.
ސިޓީކައުންސިލުން ލޮނުޒިޔާރަތްކޮޅު ތަރައްޤީ ކުރުމަށް ނިންމާފައިވާއިރު މީގެކުރިން އެސަރަހައްދަކީ ސުނާމީ ބިނާ ބަހައްޓާފައިވާ ސަރަޙައްދެއެވެ. އަދި މީގެކުރިންވެސް އެސަރަޙައްދަކީ ގިނަ ޢަދަދެއްގެ ރައްޔިތުން އެތަނަކަށް ގޮސް ޢާއިލާއާއެކު ވަގުތު ހޭދަކުރާ ސަރަޙައްދެއްކަން ފާހަގަކުރެވެއެވެ. މީގެއިތުރުންވެސް އެސަރަޙައްދުގައި ތަފާތު ގިނަ ކުޅިވަރުގެ ހަރަކާތްތަކާއި ސިޔާސީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އެހެންނަމަވެސް ސިނަމާލެ ބްރިޖްގެ މަޝްރޫއާއެކު އެސަރަޙައްދު ބަންދުކޮށް ފަހުން މާބޮޑު ސަމާލުކަމެއް އެސަރަހައްދަށް ދީފައެއް ނުވެއެވެ. އެހެންނަމަވެސް އެތަނުގައި މިހާރު ތަރައްޤީކުރާ ފެހިކަންގަދަ ޕާކާއެކު އަނެއްކާވެސް އެސަރަހައްދު ބަދަލުވެގެންދާނެއެވެ. މާލޭގެ މަލަމަތި ބަދަލުކޮށްލި ސިނަމާލެ ބްރިޖްކައިރީގައި ފެހިކަންގަދަ ޕާކެއް އޮތުމުގެ ސބަބުން އެ ސަރަހައްދު އިތުރައް ހިތްފަސޭހަވެގެންދާނެއެވެ.