ޚަބަރު

ބޭރަށް ހިންގުން އިތުރުވަމުންދާތީ ސަމާލުވުމަށް، އެޗްޕީއޭއިން އިލްތިމާސްކުރައްވައިފި


މިދިޔަ މަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިދިޔަ ޖުލައި މަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށެވެ. އަދި އެ ބަލި ޢާންމުކޮށް ފެތުރެނީ އޭގެ އަސަރު ކޮށްފައިވާ މީހުންގެ ފަރާތުން ކަމަށާ، ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު މިފަދަ ބަލިތައް އިތުރުވާކަން ފާހަގަކުރެވޭކަމަށެވެ.

ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން މުހިންމުކަން އެޗްޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ބޭރަށް ހިންގުމަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ތައިފޮއިޑް ހުމުގެ އަލާމާތެއްކަމަށްވެސް ބެލެވިދާނެ ކަމަށާ، އެފަދަ ހުން މަދުން ނަމަވެސް ފެންނަމުންދާތީ އެކަމަށްވެސް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ތައިފޮއިޑް ހުމުގެ އިތުރު ޢަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ގަދައަށް ހުން އައުން ހިމެނެއެވެ.

ބޭރަށް ހިންގާނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށާއި، ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫހާއި ފިޒީ ޑްރިންކްސް އަދި ދިޔާތަކެތި ބޭނުން ނުކުރުމަށާއި، ފެނާއި ލޮނު ޕެކެޓާއި ސޫޕް ފަދަ ބުއިންތައް ގިނަ ކުރުން މުހިއްމުކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އަދި ތުއްތު ކުދިންނަށް އަވަސްއަވަހަށް ގާތުން ކިރު ދިނުން މުހިންމުކަމަށް އެޗއްޕީއޭއިން ފާހަގަކުރައްވައެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ކްލޮރިނޭޓްކޮށްފައިވާ ފެން ބޭނުން ކުރުމަށާއި ވާރޭފެން ނެގުމުގައި ފުރާޅު ރަނގަޅަށް ސާފުކޮށްގެން ފެން ނެގުން މުހިއްމުކަން ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރައްވައެވެ. އަދި ކާގަޑިތަކުގައި އެތި އެތިކޮޅުން އަވަސް އަވަހަށް ކެއުމަށާއި ތެޔޮ، ކުޅި އަދި ހަވާދު ހިމެނޭ ބާވަތްތަކުގެ ކެއުން މަދުކުރުމަށްވެސް ސިއްޙި މާހިރުން އިލްތިމާސްކުރައްވައެވެ.

މީގެ އިތުރުން އަނގަތެރެ ހިކި، ކަރު ހިއްކާނަމަ ނުވަތަ ކުޑަކަމުދިއުން މަދުނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ އަދި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާނަމަ ނުވަތަ ތުއްތު ކުދިން ހޮޑުލާއިރާއި ބޮޑުކަމުދާއިރު ލޭއަންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ވަރަށްމުހިއްމުކަން ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ.

ބޭރަށް ހިންގުމަކީ ކާބޯތަކެއްޗާއި، ފެނުގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ.