ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ގައުމީ ވޮލީޓީމް ފުރައިފި


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ވޮލީޓީމް ނޭޕާލަށް ފުރައިފިއެވެ.

މިމަހު 19 އިން 24 އަށް ކުރިޔަށްދާ މުބާރާތައް ރާއްޖޭގެ ގައުމީ ވޮލީޓީމް ދިޔައީ އުންމީދާއެކު ސީދާ ތައްޓަށް ވާދަކުރުމެވެ. މުބާރާތުގެ ކުރިން ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ ވަނީ އެކުވެރިކަމުގެ ތިން މެޗު އަވައްޓެރި ލަންކާއާ ދެކޮޅަށް ކުޅުމަށް ފަހުއެވެ. ތިން މެޗުން ރާއްޖެ ބަލިވި ނަމަވެސް ރާއްޖެ ވަނީ މިމެޗުތަކުގައި ރަނގަޅު ވާދައެއް ކޮށްފައެވެ. މުބާރާތުގެ ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވަނީ ވާދަކޮއްފައެވެ.

ގޭމްސްގައި ރާއްޖޭ މޮޅުވީ ހަމައެކަނި ކޮމޮރޯސް އަތުން އެކަނި. މުބާރާތުގައި ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ނުކުންނާނީ ކްރިގިސްތާންއާ ދެކޮޅަށެވެ. ރާއްޖެ ހިމެނޭ ގުރޫޕް މިދެޓީމް ހިމެނޭ އިރު ދެން އޮތް ގުރޫޕްގައި ހިމެނެނީ އުޒްބަކިސްތާންނާ ، ބަންގަލަދޭޝްއާ، ތުރުކެމެނިސްތާންނާ، އަފްގާނިސްތާންއެވެ.

އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން ދެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކާމިޔާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. މި މުބާރާތައް ފަހު ރާއްޖެއިން ދެން ވާދަކުރާނީ ޑިސެންބަރު މަހު އޮންނަ އޭޝިޔަން ގޭމްސްއެވެ.