ކުޅިވަރު

ގައުމީ ފިރިހެން ވޮލީ ޓީމުން ދިވެހިން ފަހުރުވެރިވާފަދަ ކާމިޔާބީތައް ހޯދާނެ - ކޯޗު ސާޖިދު


ވަރަށް ކައިރި މުސްތަގްބަލެއްގެ ތެރޭގައި ގައުމީ ފިރިހެން ވޮލީ ޓީމަށް ގެނައި ބަދަތަކުން ދިވެހިން ފަހުރުވެރިވާފަދަ ކާމިޔާބީތައް ހޯދާނެކަމަށް ގައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗް މުހައްމަދު ސާޖިދު ބުނެފިއެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ސެންޓަރަލް ޒޯން ވޮލީ މުބާރާތަށް ޤައުމީ ޓީމް ތައްޔާރީތުވާތާ ގިނަ ދުވަސްތަކެއްވީ އިރު މުބާރާތުގެ ކުރިން ގައުމީ ޓީމްވަނީ ސާބިޔާގައި 10 ދުވަހުގެ ތަމްރީން ފުރިހަމަކޮށްފައެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ވޮލީ ޓީމްވަނީ ވަރުގަދަ މެޗްތަކެއް ކުޅެފައެވެ. އަދި ސެންޓްރަލް ޒޯންއަށް ތައްޔާރުވުމަށް އަވައްޓެރި ސްރީލަންކާ އާއިއެކުވެސް އެކުވެރިކަމުގެ ތިން މެޗް މާލޭގައިވަނީ ކުޅެފައެވެ. މިތިން މެޗުންވެސް ރާއްޖެވަނީ ބަލިވެފައެވެ. ނަމަވެސް ވަރުގަދަ ލަންކާއާއި ދެކޮޅަށް ރާއްޖެއިންވަނީ ރަނގަޅު ވާދައެއްކޮށްފައެވެ.

ރޭގެ މެޗަށްފަހު ޤައުމީ ޓީމްގެ ކޯޗް މުޙައްމަދު ސާޖިދުބުނީ ޓީމަށް ބޮޑު ބަދަލްތަކެއް އައިސްފައިވާކަމަށާއި ގިނަ ކަންތައްތަކެއް ރަނގަޅުކޮށްފައިވާކަމަށެވެ. ސްރީލަންކާއާއި ދެކޮޅަށް ކުޅުނު ތިން މެޗްގައިވެސް ދިވެހި ޓީމްގެ ޑިފެންސް ރަނގަޅުކަމަށާއި އަދި ބުލޮކްތަށްވެސް ރަނގަޅުކަމަށް ސާޖިދު ބުނިއެވެ. ޓީމަށް މިހާރު ވަރަށް ބޮޑު ބަދަލްތަކެއް އައިސްފައިވާކަމަށާއި، މި ބަދަލްތަކުގެ ނަތީޖާ އަވަސް މުސްތަގްބަލެއްގައި ފެންނާނެކަމަށް ކޯޗް ސާޖިދު ބުނިއެވެ.