ޚަބަރު

އައްޑޫ މެޑިސިޓީން މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި


ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަނަކުން ފުރަތަމަ ފަހަރަށް ތަޢާރަފު ކުރި މޯބައިލް އެޕްލިކޭޝަން، އައްޑޫ މެޑިސިޓީއިން ތައާރަފުކޮށްފިއެވެ.

އައްޑޫ މެޑިސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިއެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދެވެ. އައްޑޫ މެޑިސިޓީން މައުލޫމާތުދިން ގޮތުގައި މިއެޕްލިކޭޝަނަކީ ރައްޖޭގައި ސިއްޙީ ޙިދުމަތްދޭ ތަނެއްގައި ތަޢާރަފު ކުރި ފުރަތަމަ މޯބައިލް އެޕްލިކޭޝަން ކަމަށެވެ. އެންޑްރޮއިޑް އާއި އައިއޯއެސްގައި ބޭނުންކުރެވޭގޮތަށް ލޯންޗު ކުރި މިއެޕްލިކޭޝަނުން ކްލިނިކުގެ ތަފާތު އެކި ޙިދުމަތްތައް ހޯދުމުގައި ފަސޭހަ ތަކެއް ލިބިގެންދާނެކަމަށް އައްޑޫ މެޑިސިޓީން ބުނެއެވެ.

އެޕްލިކޭޝަން އާއި ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މެޑިސިޓީގެ މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ރިޝްވާން ވިދާޅުވީ، މިފަދަ އެޕްލިކޭޝަނެއްގެ މައިގަނޑު ބޭނުމަކީ ސީދާ ފޭދޫގައި ހުންނަ ކްލިނިކަށް ނުގޮސް ޑޮކްޓަރުންނާއި މުޢާމަލާތު ކުރެވި ރަށުގައި ތިބެގެން ހުރިހާ ކެމެއް ހަމަޖެހިގެން ދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު މަޤްސަދަކީ ރައްޔިތުންނަށް، އެބޭފުޅުން ދުރާލާ ޑޮކްޓަރުންނާއި މަޝްވަރާކޮށް، ޑޮކްޓަރުންގެ އެޕޮއިންޓްމެންޓް ބެލި، އެބޭފުޅުން ހިތްހަމަ ޖެހޭ ގަޑިއެއްގައި އެޕޮއިންޓްމެން ހައްދަވާ ވަޑައިގެން ޑޮކްޓަރަށް ދައްކާ ގިނަ އިރުތަކެއް ނުކުރައްވާ އެނބުރި ރަށަށް ވަޑައިގަތުން" ރިޝްވާން ވިދާޅުވިއެވެ.

މިއެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތްތަކުގެ ތެރޭގައި، ބޭނުންވާ ސުވާލެއް ޑޮކްޓަރާއި ކުރެވުމާއި، އެޕޮއިންޓްމެންޓް ހެދުމާއި ޓޯކެން ނަމްބަރު ވަގުތުން ބަލާލެވުންފަދަ ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ވިޒިޓިން އާއި އިންހައުސް ޑޮކްޓަރުންގެ ޝެޑިއުލް ބަލާލެވި، ޑޮކްޓަރާއި ގުޅޭގޮތުން ބަލިމީހާއަށް ބޭނުންވާ މަޢުލޫމާތުވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބެއެވެ. އަދި މެޑިސިޓީ ހުންނަ ތަނާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މަޢޫލޫމާތުވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބެއެވެ.

މެޑިސިޓީއިން ބުނީ ރޭ ތަޢާރަފްކުރީ އެޕްލިކޭޝަންގެ ފުރަތަމަ ފޭސް ކަމަށާ އަންނަ އަހަރު އިތުރު ޚިދުމަތްތަކަކާއެކު މި އެޕްލިކޭޝަންގެ ދެވަނަ ފިޔަވަހި ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އައްޑޫ މެޑިސިޓީ އަކީ އައްޑޫ ސިޓީ ފޭދޫގައި ސިއްޙީ ޚިދުމަތް ދިނުމަށް މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވުނު ކްލިނިކެކެވެ. މި ކްލިނިކުގައި އިންހައުސް ޑޮކްޓަރުންގެ ޚިދުމަތާއި ވިޒިޓިންގ ޑޮކްޓަރުންގެ ޚިދުމަތްވެސް ލިބެއެވެ. އަދި އާންމު ގޮތެއްގައި ކުރެވޭ ލެބޯޓްރީ ތަޙްލީލުތަކާއިއެ ކްސްރޭގެ ޙިދުމަތާއި މައިނަރ ސާޖަރީވެސް ކުރެވޭ ކަމަށް އެ ކްލިނިކުން މަޢުލޫމާތުދެއެވެ.