ވިޔަފާރި

އީދު ބަންދަށްފަހު އެމްއައިބީގެ ހިއްސާ ވިއްކުން އާދިއްތަ ދުވަހު ފަށަނީ


އީދު ބަންދަށްފަހު އަންނަ އާދިއްތަ ދުވަހު މޯލްޑިވްސް އިސްލާމިކް ބެންކުގެ އައިޕީއޯ ސެންޓަރުން ހިއްސާ ވިއްކަން ފަށާނެކަމަށް އެ ބެންކުން ބުނެފިއެވެ.

މޯލްޑިވްސް އިސްލާމިކް ބެންކުން ވަނީ އީދު ބަންދާ ގުޅިގެން ޚިއްސާ ވިއްކުން ހަފްތާއަކަށް މެދުކަނޑާލާފައެވެ. ނަމަވެސް މި މުއްދަތުގައި އޮންލައިންކޮށް ހިއްސާ ގަނެވޭ، އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ހިއްސާ ގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވަނީ ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ. މިއީ އެކުންފުނިން ހިއްސާ އާއްމުންނަށް ވިއްކަން ފެށި ފުރަތަމަ ފަހަރެވެ.

އެމްއައިބީގެ ހިއްސާ ގަތުމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެ ބެންކުން ބުނެއެވެ. އެގޮތުން ހިއްސާ ވިއްކަން ފެށިތާ 3 ދުވަހުގެ ތެރޭގައި ހިއްސާ ވިއްކައިގެން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އެ ބެންކުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ރަށްރަށުގައި ހުންނަ އެމްއައިބީގެ ހުރިހާ ބްރާންޗްތަކުންވެސް މިހާރު ހިއްސާ ގަނެވޭނެއެވެ. އެންމެފަހުން އެ ބެންކުން ހިއްސާ ވިއްކަންފެށި އޭދަފުށިންވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީއިން މުޅިން އަލަށް ހިއްސާ ވިއްކަން ފަށާފައިވާއިރު ޖުމްލަ 6.9 މިލިއަން ހިއްސާ ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުންފުނީގެ 31 އިންސައްތަ ހިއްސާއެވެ. ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާ ވިއްކުމަށް ވަނީ ހުޅުވާލާފައެވެ.

އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާއިރު މަދުވެގެން ގަނެވޭނީ 20 ހިއްސާއެވެ. އެއީ ހިއްސާއަކަށް 35 ރުފިޔާގެ ރޭޓުންކަމަށްވާނަމަ 700 ރުފިޔާއެވެ. އަދި މިއަދަދު 10 ހިއްސާއިން ބޭނުންވާ އަދަދަކަށް އިތުރުކުރެވޭނެކަމަށް ވެސް އެމްއައިބީން މަޢުލޫމާތުދެއެވެ.