ވިޔަފާރި

މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން 287 މިލިއަން ރުފިޔާގެ އާމްދަނީއެއް


މިދިޔަ އަހަރުގެ ޖުލައިމާހާއި އަޅާބަލާއިރު މިއަހަރުގެ ޖުލައިމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުގެ ޖުލައިމަހު އިމްޕޯޓް އެކްސްޕޯޓުން 281 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ ޖުލައިމަހު އެ އަދަދު ވަނީ 287 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ދެ ޕަސަންޓުގެ ކުރިއެރުމެކެވެ.

އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ފާއިތުވި ޖުލައިމަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ވަނީ 9 އިންސައްތަ ދަށްވެފައެވެ. އަދި 2018 ވަނަ އަހަރުގެ ޖުލައިމަހު ދިވެހިރާއްޖެއިން 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 3.7 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޔޫއޭއީންނެވެ. އެއީ އިމްޕޯޓުގެ 21 އިންސައްތައެވެ. ސިންގަޕޫރުންނާއި ޗައިނާއިން 13 އިންސައްތަ މުދާ އިމްޕޯޓްކޮށްފައިވާއިރު އިންޑިއާއިން ވަނީ 11 އިންސައްތަ މުދާ އެތެރެކޮށްފައެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. އެއީ 18 އިންސައްތަ މުދަލެވެ. ޖަރުމަނުވިލާތަށް އަދި ފަރަންސޭސިވިލާތަށް 15 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އިނގިރޭސިވިލާތަށް 13 އިންސައްތަ އަދި އިޓަލީއަށް 7 އިންސައްތަ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.