ޚަބަރު

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ - މެޓް


ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ސައުވީސް ގަޑިއިރަށް މޫސުން ލާކުރާގޮތަށް ބަލާ، މެޓް އޮފީހުން ވިދާޅުވީ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާ، ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ. މިއާއެކު ދެކުނުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރުފޯރާނެ ކަމަށްވެސް މެޓްއޮފީހުން މަޢުލޫމާތުދެއްވައެވެ.

ދެކުނުގެ އަތޮޅުތަކަށް ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ދިހަ މޭލާއި ވިހި މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. އެއާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ސާޅީސް މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ.

ހުޅަނގުމޫސުމުގެ ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ކަމަކަށް ޢާއްމުކޮށް ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.