ވިޔަފާރި

ހަފްލާތައް ބޭއްވުމަށް އައްޑޫ ނޭޗަރ ޕާކަށް ބޮޑު ތަރުޚީބެއް


ހަފްލާތައް ބޭއްވުމަށް އައްޑޫ ނޭޗަރ ޕާކު ކުއްޔަށް ދޫކުރަން ފަށައިފިއެވެ.

ހިތަދޫގައި އޮންނަ އައްޑޫ ނޭޗަރ ޕާކް އެކި ހަފްލާތަކަށް ކުއްޔަށް ދޫކުރަން ފަށާފައިވާއިރު، އެކަމަށް ބޮޑު ތަރުޚީބެއް ލިބެމުން އަންނަކަމަށް އައްޑޫ ނޭޗަރ ޕާކް ހިންގާ ފަރާތްތަކުން ބުނެއެވެ.

އައްޑޫ ނޭޗަރ ޕާކުގައި މި ހަފްތާތެރޭގައި މިވަނީ ފުރަތަމަ ފަހަރަށް ކައިވެނި ހަފްލާއެއް ބާއްވާފައިވާއިރު، އެ ހަފްލާގެ ފޮޓޯތަކާއެކު އާންމުންގެ ބޮޑު ތަރުހީބެއް ނޭޗަރ ޕާކަށް ލިބެމުން އަންނަކަމަށް ނޭޗަރ ޕާކު ހިންގުމާއި ހަވާލުވެ ހުންނެވި އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު އަފާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައިވެނި ހަފްލާތަކުގެ އިތުރުން މަސައްކަތު ބައްދަލުވުން ތަކަށާއި، ޕާޓީތަކަށް އެތަން ކުއްޔަށް ދޫކުރާކަމަށެވެ.

އައްޑޫ ނޭޗަރ ޕާކުން މައުލޫމާތު ދިން ގޮތުގައި އެތަނުގެ ވިސިޓާޒް ސެންޓަރ ހިމެނޭގޮތަށް ނޭޗަރ ޕާކް ހަފްލާއަކަށް ކުއްޔަށް ދޫކުރަނީ ދިހަ ހާސް ރުފިޔާއަށްކަމަށެވެ. އެއީ ވޯކްޝޮޕް އޭރިއާއި އާއި ޑެކް އަދި ތަނުގައި ހިމެނޭ ވަސީލަތްތަކާއެކުއެވެ. އަދި ވޯކްޝޮޕް އޭރިއާ ގަޑިއަކު 1250 ރުފިޔާއަށް މިހާރުވެސް ކުއްޔަށް ދޫކުރާ ކަމަށް ނޭޗަރ ޕާކުން ބުނެއެވެ.

އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ ސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން ދައްކުވައިދޭ ނޭޗަރ ޕާކުން ކޯއްޓޭ ފަރުމަތީ ސްނޯކްލިންގ ކުރުމާއި، ކެނޯއިން ފަދަ ޙިދުމަތްތައް ފަތުރުވެރިންނާއި އާންމުނަށް ވެސް ފޯރުކޮށްދެއެވެ. މީގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމާއި މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްވެސް މިތަނުގައި ކުރިއަށް ގެންދެއެވެ.