ވިޔަފާރި

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖޭގައި


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އައިސްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނީ އެމެރިކާގެ ނޫސްވެރިންގެ ޓީމް ރާއްޖެ އައީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް އިޝްތިހާރު ކުރުމަށްކަމަށެވެ.

އެމެރިކާގެ ނޫސްވެރިން ރާއްޖެ އައީ މިމަހުގެ 13 ގައެވެ. މިދަތުރަކީ ރާއްޖެ އެކި ސަރަޙައްދުތަކުގައި އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރުސީން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން 5 ވަނަ ދަތުރެވެ.

މިމަހުގެ 18 ގެ ނިޔަލަށް މި ޓީމް ރާއްޖޭގައި ތިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެމެރިކާގެ ނޫސްވެރިން ރާއްޖެއަށްކުރާ މިދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ހެރިޓަންސް އާރަށް ރިސޯޓް އަދި މަރކިއޯ މޯލްޑިވްސް ކޫއްޑޫ ގައެވެ.

މި ދަތުރުގައި ދިވެހިރާއްޖޭގެ ހިތްގައިމު މާހައުލާއި ކަނޑުއަޑީގެ ރީތިކަން މި ޓީމުން ތަޖުރިބާ ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ޓީމުގައި ހިމެނެނީ ޓްރެވެލް، މެޝަރ، ޓްރިޕް ސެވީ، ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލް، ޔޫ.އެސް.އޭ ޓުޑޭ އަދި
ނިއުޔޯކް ޓައިމްސް ފަދަ މަޖައްލާތަކަށް ލިޔުއްވާ ތަޖްރިބާކާރު ނޫސްވެރިންނެވެ. މި ދަތުރުގައި ކުރާ ތަޖުރިބާތައް މި ޓީމުން
މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިޢު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާ އަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑު އެއް މާކެޓެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި އަޅާބަލާއިރު، މިއަހަރުގެ މި މުއްދަތުގައި އެމެރިކާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދުވަނީ %34.5 އިތުރުވެފައެވެ.