ކުޅިވަރު

ޗެލްސީ ބަލިކުރެވުމަކީ ފޮނިވާންޖެހޭ ވަރުގެ ކަމެއް ނޫން - ސޮލްޝެއަރ


ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ބޮޑު ތަފާތަކުން ބަލިކުރެވުމަކީ ފޮނިވާންޖެހޭ ކަމެއް ނޫންކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް އޮލެ ގަނަ ސޮލްޝެއާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ޗެލްސީ އަތުން މޮޅުވީ ހަތަރެއް ސުމެއްގެ ބޮޑު ތަފާތަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސޮލްޝައާ ބުނީ، އައު ޓީމެއް ބިނާކުރަމުން އަންނަ ޔުނައިޓެޑް ޗެލްސީގެ މައްޗަށް މި ހޯދުނު މޮޅަކީ ހުރިހާ ގޮތަކުންވެސް ޓީމަށް ލިބޭނެ ހިތްވަރެއްކަމަށެވެ.

ސޮލްޝެއާ ވަނީ ޓްރާންސްފާގައި ޔުނައިޓެޑާއި ގުޅުނު ޑިފެންޑަރ ހެރީ މެގުއާ އާއި އާރޮން ވެން ބިސާކާ އާއި، ފޯވާޑް ޑެނިއަލް ޖޭމްސް ދެއްކި މޮޅު ކުޅުން ފާހަގަކޮށްފައިއެވެ. އެގޮތުން ސޮލްޝެއާ ބުނީ ދެ ޑިފެންޑަރުންވެސް ކުޅުނީ ސީދާ ޔުނައިޓެޑުގެ ގޭމް ޕްލޭނާއި އެއްގޮތަށް ކަމަށާއި، ދެކުޅުންތެރިން ދެއްކި މޮޅު ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހެހޭކަމަށެވެ. އަދި ޑެނިއަލް ޖޭމްސް ކުޅުނު ފުރަތަމަ މެޗުގައިވެސް ލަނޑު ޖެހުމުން އޭނާގެ ފެންވަރު ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށްވެސް ސޮލްޝެއާ ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނީ، މެޗުގެ ފުރަތަމަ ގިނަ ވަގުތު މޮޅަށް ކުޅުނީ އޭނާގެ ޓީމުން ކަމަށާއި، ޔުނައިޓެޑަށް މެޗުގައި ކުރި ލިބުނީ ޗެލްސީގެ ނަސީބު ދެރަކަމުންކަމަށް. އެގޮތުން ޔުނައިޓެޑުން ޖެހި 4 ލަނޑަކީވެސް ޗެލްސީގެ ކުލުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައިގެން ޖެހި ހަތަރު ލަނޑުކަމަށް ލަމްޕާޑް ބުނެފިއެވެ

ރޭގެ މެޗުގައި ޔުނައިޓެޑަށް ލަނޑުތަށް ޖަހައިދިނީ މާކަސް ރަޝްފޯޑް، އެންތަމީ މާޝިއަލް އަދި ޑެނިއަލް ޖޭމްސް. ރަޝްފޯޑް ވަނީ މެޗުގައި ދެލަނޑު ޖަހާފައެވެ.