ފާއިތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 50އަށްވުރެ ގިނަ އެކްސިޑެންޓް ހިގައިފާއިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މިހަފްތާގެ ތަފާސްހިސާބުތަކަށްބަލާއިރު ފަންސާސް އެއް އެކްސިޑެންޓް ހިނގައި ފަސް މީހަކަށް މިއެކްސިޑެންޓުތަކުގައި އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މަގުމަތީގެ ރައްކާތެރިކަން ޤާއިމްކުރުމަށް ފުލުހުން ހިންގަމުންދާ ހަރަކާތްތަކުގައި ނިމިދިޔަ ހަފްތާގައި އެއްގަމުގެ އުޅަދު ދުއްވުމުގެ ލައިސަންސަނެތި ދުއްވި އަށްޑިހަ ފަސް ފަރާތެއް ވަނީ ހިފަހައްޓާފައެވެ.
ޤަވާއިދާ ޚިލާފަށް ޕާކްކުރުމުގެ ސަބަބުން ހަތަރު ސަތޭކަ ހަތްދިހަ ތިން އުޅަދެއްގައި ސްޓިކާ ޖަހާފައިވާއިރު ސަތޭކަ ދެ އުޅަދެއް ޓޯކޮށްފައިވާކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. މަގުމަތީގެ އަމާންކަން ރައްކާތެރިކުރުމަށް ފުލުހުން ޚާއްސަ ހަރަކާތްތަކެއް ކޮންމެ ހަފްތާއަކުވެސް ހިންގާއިރު މުޖުތަމައުގެ ޢާންމު މިންގަނޑުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ ފަރާތްތައް ހުއްޓުވުމަށްވެސް ފުލުހުންދަނީ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މިގޮތުން ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ފަރާތްތަކާއި، ކެފޭ ރެސްޓޯރެންޓު ތަކުގައި ޤަވާއިދާ ޚިލާފަށް ހިންގާ ޢަމަލުތައް ހުއްޓުވުމަށްވެސް ނިމިދިޔަ ހަފްތާގައި ފުލުހުން އެކި ޙަރަކާތްތައް ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ.