ޚަބަރު

ކުރިއަށް 48 ގަޑއިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ - މެޓް


ވޭތުވެދިޔަ ސައުވީސް ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ އައްޑޫސިޓީ ގަމަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ވޭތުވެދތުވެދިޔަ ސައުވީސް ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ވައިގަދަވެ ދޭތެރެ ދޭތެރެއިން ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެއިދާރާއިން ވިދާޅުވީ އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ އައްޑޫ ސިޓީ ގަމަށްކަމަށެވެ. ގަމަށްވަނީ ސަތޭކަ ސާދަ މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި އެންމެ ބާރަށް ވައިޖެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ ގަޑިއަކު ފަންސާސް ފަސް މޭލު ބާރުމިނުގައި ގދ.ކާޑެއްދޫއަށްކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް ސާޅީސް އަށް ގަޑއިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާ ހުޅަނދުން ގަޑިއަކު ތޭރަ މޭލާއި ތޭވީސް މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ސާޅީސް ފަސް މޭލާއި ފަންސާސް ފަސް މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމަށާއި، އެހެންކަމުން ޢާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް އެމްއެންޑީއެފާއި ފުލުހުން ވަނީ އިލްތިމާސްކުރައްފައެވެ. އަދި މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދީފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސެންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން އުޅަނދުފަހަރުގައި މުވާސަލާތީ ވަސީލަތްތައް ހަމަތޯ ޔަޤީންކުރުމަށްފަހު ނޫނީ ދަތުރު ނުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވެދާނެ ޙާދިސާއަކުން ފަޅުގައި އަޅާފައިހުންނަ އުޅަނދުފަހަރު ރައްކާތެރިކުރުމަށް ސަމާލުކަން ދިނުންވެސް މުހިންމެވެ. އަދި ވައިގަދަވެގެންދާ ވަގުތުތަކުގައި އުސް ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން، ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ލެއްޕުމަށާއި، ވައިގަދަވުމުގެ ސަބަބުން ބެލްކަންޏާއި ޓެރެސް ގައި ހުންނަ ގަސް މުށިފަދަ ތަކެތި ޢިމާރާތްތަކުގެ މަތިން ވެއްޓި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ދުރާލައި ސަމާލުކަންދިނުންވެސް މުހިންމެވެ.

މި ދުވަސްވަރަކީ ޢީދު ބަންދާދިމާކޮށް ގިނަ ޢަދަދަކަށް ޢާންމުން ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު މޫސުމަށް ސަމާލުކަން ދިނުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާކުރައްވާފައެވެ.