ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލުމަށް ހަދާ ބްރިޖް ނުވަތަ ކޯޒްވޭތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސުހައިލް ވިދާޅުވީ މި ކޯޒްވޭތަކުގެ މަސައްކަތް ނިނުމުމަށް ބާރުދުވެލީގައި މަސައްކަތް ކުރަމުންދާކަމަށެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލުމަށް ޖުމުލަ 5 ކޯޒްވޭ ހަދަން ހަމަޖެހިފައިވެއެވެ. އޭގެތެރެއިން އެއް ކޯޒުވޭގެ ކޮންކްރިކްޓް މަސައްކައްކަތް މިހާރުދަނީ ކުރާމުންނެވެ. އަދި އަނެއް 4 ކޯޒްވޭގައި ދަނގަޑު ހަރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ މި ކޯޒްވޭތަކުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ހުޅުމާލޭގެ ދެފިޔަވަހީގެ ދެމެދުގައި އޮންނަ ކޯޒްވޭ ހުރަސްކޮށް ހަދާ ކޯޒްވޭތަކުގައި ޑިޒައިނާއި ކޮންސަލްޓެންސީގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ތުރުކީގެ ކުންފުންޏަކާއެވެ.
ކޯޒްވޭތަކުގެ މަސައްކަތްކުރުމަށް ނިންމާފައިވަނީ ސަޢުދީ ފަންޑުން ހަމަޖައްސާފައިވާ 80 މިލިއަން ޑޮލަރުގެ ލުއި ލޯނުގެ އެހީންނެވެ. މިލޯނު އެހީގެ ބޮޑުބައެއް ޚަރަދު ކުރުމަށް ނިންމާފައިވަނީ މި ކޯޒްވޭތަކުގެ މަސައްކަތަށެވެ. ހުޅުމާލޭގެ ދަވަނަ ފިޔަގައި ޢިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންދާއިރު ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރުއަޅަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ 25 ބުރީގެ 16 ޓަވަރުގެ މައްޗަށް އެކުލެވޭ 7000 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.