ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް ތިބި ހުރިހާ ދިވެހިން އަރަފާތު ބިމަށް ހިނގައްޖެއެވެ. މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް މަޢުލޫމާތުލިބެއެވެ.
އަރަފާތު ބިމުގައި ދިވެހިން ތިބި ޓެންތްތަކުގައި ދިވެހި ބަހުން ޚުތުބާ ދިނުމަށް ކޮންމެ ޖަމާއަތަކުންވެސް މީހަކު ވަނީ ކަނޑައަޅާފައެވެ. އަރަފާތު ބިމުގައި މިއަދުގެ ފިނި ހޫނުމިން ހުރީ 34 ޑިގްރީ ސެލްސިއަސްގައެވެ.
މިއަހަރު ރާއްޖެއިން ޙައްޖުކޯޕަރޭޝަނާއެކު 6 ޖަމާއަތެއްގެ ހަވާލުގައި 2000 މީހުން ވަނީ ހައްޖަށް ގޮސްފައެވެ.
މާތް ﷲ މާތްކުރެއްވި ޙައްޖު ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މި ދުވަހަކީ ޙައްޖާޖީން ޢަރަފާތު ބިމުގައި ތިބޭ ދުވަހެވެ. ޙައްޖު ލިބެނީ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހުގެ ދުވާލުގެ ވަގުތު ޢަރަފާތު ބިމަށް ވަދެވުނު މީހާއަށެވެ. އެ ނޫން މީހަކަށް ޙައްޖެއް ނުލިބޭނެއެވެ. ކޮންމެ އަހަރަކުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މާތްވެގެން މައްކާއަށް ޖަމާވާ އެންމެން ޢަރަފާތު ބިމަށް ޙާޟިރުވެއެވެ. އަދި އެ ބިމުގައި ހޭދަކުރާ ވަގުތަކީ އެމީހަކަށް ކުރެވިފައިވާ ކުށްފާފަތައް ފުއްސެވުން އެދި ﷲ ގެ ހަޟުރަތުގައި ދުޢާއާއި ނަމާދުކުރާ ވަގުތުތަކެކެވެ.
ޙައްޖަކީ އެންމެމާތް އަޅުކަމުގެ ތެރެއިން ހިމެނޭ، އަދި الله އަށް ކުއްތަންވުމުގެގޮތުން އަދާކުރެވޭ މަތިވެރިއަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ.
ކުޅަދާނަވެގެންވާމީހާ އުމުރުން އެއްފަހަރު ހައްޖުނުވެ، އޭނާގެ އިސްލާމްކަން ފުރިހަމައެއްނުވާނެއެވެ. ޝަރުޢުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި، ވަކިގޮތްތަކެއްގެ މަތީން، އަދާކުރެވޭއަޅުކަމެއް އަދާކުރުމަށްޓަކައި، ކަޢުބަތުﷲ ގެފުޅުގެ އަރިހަށްގޮސް، ގެފުޅުވަށައިގެން ޠަވާފުކުރުމާއި ޞަފާފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމާއި ޙައްޖުމަހުގެ 9 ވަނަދުވަހު ޢަރަފާތުބިމުގައި މަޑުކުރުމާއި ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ރޭ މުޒްދަލިފާގައި މަޣުރިބް ނަމާދާއި ޢިޝާ ނަމާދަށްފަހު ވަގުތުހޭދަ ކޮށް، އެއަށްފަހު މިނާ ގައި އެރޭގެ މެންދަމުގެ ބައެއްގައި ވަގުތު ހޭދަކުރުން ހިމެނޭ އަޅުކަމެކެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2 މިލިއަނަށްވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވެއެވެ.