ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން ޔޫކްރެއިންގައި އިޝްތިހާރުކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން ޔޫކްރެއިންގައި އިޝްތިހާރުކުރުމަށް ޙާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މިއީ ރިސޯޓް ލައިފް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ވެސް ވަނީ ބައިވެރިވެފައެވެ.

"ތާރޑް އެނުއަލް މޯލްޑިވްސް ޑޭ" ގެ ނަމުގައި މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ޔޫކްރޭންގެ ރިސޯޓެއްގައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އިންޓަރެކްޓިވް ގޮތަކަށް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޔޫކްރެއިންއަށް ރާއްޖެ އިޝްތިހާރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި އިވެންޓުގެ ތެރެއިން ޔޫކްރެއިންގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޓުއަރ އޮޕަރޭޓަރުންނަށް ރާއްޖެއާއިބެހޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

1 ދުވަހުގެ މުއްދަތަކަށް ޔޫކްރެއިންގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރާއްޖޭގެ 8 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފެއަރމައުންޓް މޯލްޑިވްސް ސިއްރުފެންފުށި، ކޮކޫން މޯލްޑިވްސް، ރޮބިންސަން ކްލަބް މޯލްޑިވްސް، ހެރިޓެންސް އާރަށް، އަދާރަން ހޮޓެލްސް އެންޑް ރިސޯޓްސް، އަޔާޑާ މޯލްޑިވްސް، ދަ ރެސިޑެންސް މޯލްޑިވްސްގެ އިތުރުން ވައްކަރު މޯލްޑިވްސްއެވެ.

މިއަހަރުގެ ޖެނުއަރީމަހުން މޭ މަހުގެ ނިޔަލަށް ޔޫކްރެއިންއިން ރާއްޖެއަށް ހަހާސް ފަސްދޮޅަސް ހަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %8.3 ކުރިއެރުމެކެވެ.