ސިޔާސީ

ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިންކުރާ މަސައްކަތްތަކަށް 43 މިލިއަން ރުފިޔާ ދިނުމަށް އީޔޫއިން ނިންމައިފި


ޓެރަރިޒަމާއި ހައްދުފަހަނައެޅުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުން އަންނަމަސައްކަތްތަކަކަށް އެހީތެރިވުމަށް ޔޫރަޕުގެ އިއްތިހާދު (އީޔޫ) އިން 2.5 މިލިއަން ޔޫރޯ ނުވަތަ 43 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވަމުން، މިއަދު ރާއްޖެވަޑައިގެންނެވި އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގެރިނީ ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭފަދައިން ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުމުގެ މައްސަލަތަކަށްވެސް ޚާއްޞަ އަހަމިއްޔަތުކަމެއް ދޭންޖެހިފައިވާކަމަށެވެ. އެކަމަނާ ވިދާޅުވީ، އެދާއިރާއިން މަސައްކަތްކުރުމަށް ރާއްޖެއަށް އަބަދުވެސް އީޔޫއިން އެހީތެރިވާނެކަމަށެވެ. އަދި އަބަދުވެސް ރާއްޖެއާއި ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ މޮގެރީނީ ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަކީ ބުރަ އަދި އުނދަގޫ މަސައްކަތެއްކަމަށެވެ.

މޮގެރީނީގެ، ވާހަކަފުޅުގައި ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް 2.5 މިލިއަން ޔޫރޯ ދެއްވަން ނިންމެވީ އެ މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކަމަށްވެސް މޮގެރީނީ ވިދާޅުވިއެވެ.

"ހައްދުފަހަނައެޅުމާއި ޓެރަރިޒަމާއި ދެކޮޅަށް އަޅުގަނޑުމެން އަބަދުވެސް ރާއްޖެއާކު މަސައްކަތްކުރާނަން، އަދި އަބަދުވެސް އެއްބާރުލުންވެސްދޭނަން. އެގޮތުން އެ މަސައްކަތުގެ އެހީއެއްގެ ގޮތުން 2.5 މިލިއަން ޔޫރޯ ދިނުމަށް ނިންމަފައިވާކަން އަޅުގަނޑު މިފުރުޞަތުގައި އިޢުލާންކުރަން." މޮގެރީނީ ވިދާޅުވިއެވެ.

މޮގެރީނީ ވަނީ މިއީ އެކަމަނާ ރައްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވާފައެވެ.

މޮގެރީނީ މަޖިލީހުގައި ދެއްވި ތަޤުރީރުގައި އެކަމަނާގެ ސިޔާސީ ހަޔާތަށްވެސްވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެކަމަނާ އެންމެ ފުރަތަމަ ސިޔާސީ ހަޔާތް ފެށްޓެވީ އިޓަލީގެ ޤާނޫނު ހަދާ މަޖިލީހުންކަން ފާހަގަކުރެއްވިއެވެ. އެއީ ވަރަށް އުފާވެރި މަސައްކަތްތަކެއްކަން ސިފަކުރައްވާ މޮގެރީނީ ވިދާޅުވީ ރާއްޖެ ވަޑައިގެން ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤްރީރުކުރެއްވުމުގެ ފުރުޞަތު ލިބުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށެވެ.

މޮގެރީނީ ވަނީ ރާއްޖެއިން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާފައެވެ. މޮގެރީނީ ވަނީ ރާއްޖެއެކޭ އެއްފަދައިން ޔޫރަޕްގެ ބައެއް ޤައުމުތަކަށްވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އޮތްކަން ފާހަގަކުރައްވާ، މިދާއިރާއިން ރާއްޖެއިން ކުރާ މަސައްކަތްތަކަކީ މުޅި ޤައުމާއި ރައްޔިތުންނާއި މުޅި ދުނިޔޭގެ ހައްޤުގައި ކުރާ މަސައްކަތްތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ޕެރިސް މުއާހަދާ ތަންފީޒްކުރުމަށް ރާއްޖެއިންކުރާ މަސައްކަތްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އީޔޫގެ ޚާރިޖީ ގުޅުންތަކާއި ބެހޭ އެންމެ އިސްވެރިޔާ ފެޑްރީކާ މޮގެރީނީ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި ޚާރިޖީ ގުޅުން ވަރުގަދަކޮށް އީޔޫއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ 1500ގެ އަހަރުތަކުގައި އިންޑިއާ ކަނޑު ސިފަކުރެވޭ ޚާއްޞާ ޗާޓެއްވެސް އެކަމަނާއަށް އަރުވާފައެވެ. ފެޑްރީކާ މޮގެރީނީގެ މި ދަތުރުފުޅުގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާވެސް ބައްދަލުކުރައްވާފައެވެ.