ޚަބަރު

ޓީޗަރުންގެ މުސާރަ ރަނގަޅެއް ނޫން، އެކަން ރަނގަޅުކުރުމަށް މިދަނީ މަސައްކަތްކުރަމުން - ޑރ.ޢައިޝަތު ޢަލީ


ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް މައްސަކަތް ކުރައްވަމުން ގެންދަވާކަމަށް، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެމިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެޑިއުކެޝަން މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ޓީޗަރުންނަށް ދޭންޖެހޭ އުޖޫރައާއި ޢިނާޔަތްތައް އެންމެ ފުރިހަމައަށް ނުދެވޭކަމަށެވެ. އަދި ޓީޗަރުންކުރާ ބުރަ މަސައްކަތުގެ އަގު އަދާ ނުކުރެވޭނެކަމަށެވެ. އެހެންނަމަވެސް މިނިސްޓީރީން އަންނަނީ ޓީޗަރުންގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މިހާރު ރައީސް އޮފީހާއެކު މުސާރާއިގެ އޮނިގަނޑާމެދު މަޝްވަރާކުރެވި ބައެއް ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އިތުރުގަޑީގެ ޢިނާޔަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ އިތުރު ޢިނާޔާތްތައް ހަމަޖެއްސުމަށްވެސް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ.

އައު މަންހަޖަށް ޓީޗަރުން އަހުލުވެރި ނުވާކަމަށް ބުނެ ޓީޗަރުން ޓީޗަރސް އެސޯސިއޭޝަނާ ޙިއްސާކޮށްފައިވާ މައްސަލަތަކާމެދު ސުވާލުކުރުމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ މަންހަޖުގެ މަސައްކަތް ފަށަން ޖެހޭ ގޮތަށް ފެށިނަމަ މަންހަޖު ތަންފީޒުކުރަން ފަށާއިރު ޓީޗަރުން ތިބެންވާނީ އެކަމަށް އެންމެ ފުރިހަމަ ގޮތުގައި އަހުލުވެރިކުރެވިފައިކަމަށެވެ. އެހެނަމަވެސް މިހާރު ދަތިތަކެއް މެދުވެރިގެން ދަނީ އެގޮތަށް މަންހަޖަށް ޢަމަލުކުރަން ނުފަށާ އޮތުމުގެ ސަބަބުންކަމަށެވެ.
މިހާރު މިކަން ކުރުމަށް ދަތިތަކެއް ހުރިކަމަށާއި ގޮންޖެހުންތަކާއެކުވެސް މިނިސްޓްރީން މަސައްކަތްކުރަމުންގެންދަނީ މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުވާ އެންމެ ފުރިހަމަ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުންކަމަށެވެ.

އައު މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުވުމަށް މިހާރުވެސް މާލޭގެ އިތުރުން ރ.އަދި ތ.އަތޮޅުގައި މިހާރުވެސް ޕްރޮގްރާމްތައް ހިންގަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އޮންލައިން ޕްލެޓްފޯމް ކެންވަސް މެދުވެރިކޮށް ވެސް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.