ޚަބަރު

ޓެކްސީ ދަތުރަށް ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގުނަގާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރަނީ


ޓްރާސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގު ނަގާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ޓެކްސީ ދަތުރުތަކަށް ނެގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަލަށް ކަނޑައެޅި އަގުތަކަށް ޢަމަލުކުރަން ފަށާފައިވަނި މިއަދުއެވެ.

ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ.

އަލަށް ކަނޑައެޅި އަގުތަކާމެދު ބައެއް ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ހުޅުލެއާއި ހުޅުމާލެއާ ދޭތެރޭ ދަތުރު ނުކުރާނެކަމަށްވެސް ބައެއް ޓެކްސީ ޑްރައިވަރުން ދަނީ ބުނަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެފައިވަނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ޓެކްސީތަކުން އަގު ނަގަމުން އަންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެނުން އަންނަކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިކަމާ ގުޅިގެން ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ކަނޑައަޅާފައިވާ އަގުތަކަށްވުރެ އިތުރަށް އަގު ނަމާނަމަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ. މި ޤަވާއިދުގައި ބުނާގޮތުން އަގު ބޮޑުކޮށް ދަތުރުކުރާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ގުޅިގެންވަނީ، ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގުނަގާނަމަ އެ މައްސަލަ ހުށައެޅުމަށް ހޮޓްލައިން ނަންބަރެއްވެސް އާއްމުކޮށްފައެވެ. މިކަމާ ގުޅޭ ޝަކުވާތައް ފުލުހުންގެ ވައިބަރ ނަންބަރު 9926091 އާއި 9888999އާއި ޙިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މައްސަލަ ހުށައަޅާއިރު އުޅަނދުގެ މަޢުލޫމާތާއި ކުރި ދަތުރުގެ ތަފްސީލާއި، ފަސިންޖަރުގެ ނަމާއި އެޑްރެހާއި އައިޑީ ކާޑް ނަންބަރު ވައިބަރ ނަންބަރަށް ފޮނުވުމުން އެ މައްސަލައެއް ފުލުހުން ބަލަމުން ގެންދާނެއެވެ.

ފުލުހުންވަނީ ޓެކްސީތައް ޗެކް ކުރުމުގެ އޮޕަރޭޝަނެއްވެސް ފަށާފައެވެ. މި އޮޕަރޭޝަންގައި، އެއްގަމު ދަތުރުފަތުރުގެ ޤަވާއިދަށް އުޅަނދު ފެތޭތޯ ބެލުމާއި، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް އަގު ނަގާތޯ ބެލުމާއި، މަގުމަތީގައި ދުއްވުމަށް އެކަށީގެންވާ ފެންވަރު ހުރި އުޅަނދެއްތޯ ބެލުމާއި އަދި އުޅަނދަކީ އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ނުފުރޭ އެއްގަމު އުޅަނދެއްތޯ ބެލުން ހިމެނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރިއިންވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިހާރުވަނީ ޓެކްސީތަކުގައި އެޕްލިކޭޝަން ބޭނުންކުރުމަށްވެސް އަންގާފައެވެ.