ޚަބަރު

އަރަބިއްޔާ ބިމުގައި ހަދާ ފްލެޓްތައް މިއަހަރު ނިމޭނެ- މިނިސްޓްރީ


އިންޑިޔާގެ ޓާޓާ ކުންފުނިން މާލޭގެ އަރަބިއްޔާ ބިމުގައި ހަދާ ފްލެޓްތައް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ ޓާޓާ ކުންފުނިން ހަދަމުންދާ ފްލެޓްތަކުގެ މަސައްކަތް  މިހާރު އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށްދާކަމަށާއި، އެފަރާތުގެ ރިވައިސް ޝެޑިއުލްތައް އެމިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. ފާއިޒް ވިދާޅުވީ އަރަބިއްޔާގައި ހަދާ ފްލެޓްތައް މިއަހަރުގެ ޑިސެމްބަރު ގެ ނިޔަލަށް ނިންމާ، ފެބްރުއަރީ މަހާއި ހަމައަށް ގާކޮށީގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.ފާއިޒް ވިދާޅުވީ މިދެބިމުގައި ހަދާ ދުއިސައްތައަށްޑިހަ ފްލެޓްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ ކަންބޮޑުވުމާއި ޝަކުވާ އަންނަމުންދާކަމަށެވެ. ނަމަވެސް ސަރުކާރުން ދޭ ޔަގީންކަމަކީ އެފަރާތްތަކާއި ފްލެޓްތައް ހަވާލުކުރެވޭނެކަމުގެ ޔަޤީންކަން ކަމަށް އޭނާ ވިދާޅުވިއެވެ.ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިފްލެޓްތަކަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅާފައިވާ ފްލެޓްތަކެކެވެ. މިފްލެޓްތަކުގެ މަސައްކަތް އެކި ސަބަބުތަކާއިހުރެ ހުއްޓިފައިއޮތުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އަލުން ދިވެހި ކުންފުންޏަކާއި ހަވާލުކޮށްގެން މަސައްކަތް ފަށާފައެވެ.މީގެ އިތުރުން ގުޅިފަޅުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކަށް ނިކަމެތިގޮތެއް ނުވާނެ ކަމަށާއި ގުޅިފަޅުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކުގެ ތަފްސީލްތައްބަލާ އެމިނިސްޓްރީން ދިރާސާކޮށްފައިވާކަމަށް ފާއިޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފްލެޓްތަކާއި ގުޅޭގޮތުން ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ފްލެޓްތައް ގަނެފައިވާ ފަރާތްތަކަށް ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.މުޅި ރާއްޖޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުތަކުގެތެރެއިން ތިންހާހަށްވުރެން ގިނަ ހައުސިންގ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.