ވިޔަފާރި

ޓްރެވަލް އެވޯޑްސްގެ ސިލްވަރ ޕާޓްނަރަކަށް އަލްޝާލީ މެރިން


މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސިލްވަރ ޕާޓްނަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރެވަލް އެވޯޑްސްގެ ސިލްވަރ ޕާޓްނަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައި، އެކަމާ ގުޅޭ އެއްބަސްވުމުގައި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ސުއޫދުއެވެ. އަދި އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފްއެވެ.

މިއީ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ޕާޓްނަރެއްގެ ގޮތުގައި އަލްޝާލީ މެރިން ހަރަކާތްތެރިވާ 2 ވަނަ އަހަރެވެ.
މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ ގޯލްޑް ޕާޓްނަރަކީ އެލިއާ އިންވެސްޓްމަންޓްއެވެ. އަދި ސިލްވަރ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން އިފްތިތާހްކޮށްފައިވަނީ މޭމަހުގެ ތެރޭގައެވެ. މިއަހަރުގެ ޓްރެވެލް އެވޯޑްސްގައި 45 ދާއިރާއަކުން ވާދަކުރުމަށް ވަނީ ހުޅުވާލާފައެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ބާއްވާ 8 ވަނަ އަހަރެވެ.