ރިޕޯޓް

އަގުތަކަށް ގެނައި ބަދަލާއެކު ޓެކްސީ ހޯދަން ފަސޭހަވެދާނެބާ؟


މާލެ ސަރަޙައްދުގައި ޓެކްސީ ޚިދުމަތްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް މިއަދުން ފެށިގެން ޢަމަލުކުރާއިރު، ޓެކްސީ ނުލިބުމުގެ ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އައު އަގުތަކާމެދު ބައެއް ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް، މިއަގުތަކުގައި ޚިދުމަތް ދިނުމަކުން ގެއްލުމެއް ނުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ އަގުބޮޑުކަމުގެ ޝަކުވާއަށް ހައްލެއް ގެނެއުމުގެ ގޮތުން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާއްމު ރައްޔިތުންގެ ޚިޔާލާއެކު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ އައު އަގުތަކަށް އޯގަސްޓް 7 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.

މާލެތެރޭގެ ދަތުރަކަށް 25 ރުފިޔާ ޗާޖުކުރިނަމަވެސް ސިނަމާލޭ ބްރިޖު އާއްމު ދަތުރުފަތުރަށް ހުޅުވާލުމާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް ޢާއްމުގޮތެއްގައި ނަގަމުންދިޔައީ 100 ރުފިޔާއެވެ. މިއީ ބޮޑު ޢަދަދެއްކަމަށްބުނެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށުމާއެކު، މިއަގު މިއަށްވުރެ ކުޑަކުރުމަށްޓަކާ ޓެކްސީ ފެއަރ ރޭޓެއް މިވަނީ ކަނޑައަޅާފައެވެ.

އެގޮތުން ޓެކްސީ ޚިދުމަތުގެ އަގަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މާލެއިން ހުޅުލެއަށް، ހުޅުލެއިން މާލެއަށް، ހުޅުމާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކުގެ އަގު 60 ރުފިޔާއަށް ވަނީ ކަނޑައަޅާފައެވެ. އަދި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގު 75 ރުފިޔާއަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މާލެތެރޭގައި ކުރާ ދަތުރުތަކަށް ކުރިއެކޭވެސް އެއްފަދައިން 25 ރުފިޔާ ޖާޖުކުރެވޭނެއެވެ.

އައު އަގުތަކާއެކު ޓެކްސީ ޚިދުމަތްދިނުމުގެ އުޞޫލަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިޚިދުމަތް ދިނުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަދީފައިވާ އޮންލައިން މޯބައިލް އެޕްލިކޭޝަނެއް މިހާރު ބޭނުންކުރަންޖެހެއެވެ. އެގޮތުން ޓެކްސީ ޚިދުމަތް ދިނުމަށް އެ މިނިސްޓްރީން 3 އެޕްލިކޭޝަނަކަށް ވަނީ ހުއްދަދީފައެވެ. އެ 3 އެޕްލިކޭޝަނަކީ އަވަސް ރައިޑު، ޕިކްމީ އަދި އެއައީއެވެ. މި 3 އެޕްލިކޭޝަންގެ ތެރެއިން އެޕްލިކޭޝަނެއް އޯގަސްޓް 1 އިން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ރަޖިސްޓްރީކޮށްގެން އޮޕަރޭޓްކުރާ ހުރިހާ ޓެކްސީއެއްގައި ބޭނުންކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

ޓެކްސީ ޚިދުމަތުގެ އަގުތަކަށާއި ޚިދުމަތްދިނުމުގެ އުޞޫލަށް ބަދަލުގެނެސްފައިވަނީ މި ޚިދުމަތް ހޯދުމުގައި މިހާރު އާއްމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ ދެ ފަރާތަަށްވެސް ފައިދާވާނެހެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ ވިދާޅުވެއެވެ. އެގޮތުން އައު އަގުތަކުގައި ދަތުރުކުރުމަކުން ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވެދާނެކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި، އެޕްލިކޭޝަން ބޭނުންކުރަން ފެށުމާއެކު ދަތުރުތައް ހޯދުމުގައި ޑްރައިވަރުންނަށާއި އާއްމުންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޙުސެއިން ނަޒީރުވަނީ ޕީ.އެސް.އެމް ނިއުސްގެ ޕްރޮގްރާމެއްގައި ވިދާޅުވެފައެވެ.

ޓެކްސީ ޚިދުމަތުގެ އަގުތަކަށް ގެނައި ބަދަލުތަކަށް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަންގެ ފަރާތުންވެސް މަރުޙަބާ ކިޔާފައިވާއިރު، މިކަމުގައި ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ސެންޓަރުތަކުގެ ހުރި ބައެއް ކަންބޮޑުވުންތައް އެ އެސޯސިއޭޝަންގެ ފަރާތުން ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ރައީސް ޢަބްދުﷲ އިބްރާހީމް ވިދާޅުވީ، އަގުތަކާމެދު ޝަކުވާއެއް ނެތްނަމަވެސް، އެފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުން އޮތީ މިއަދާހަމައަށްވެސް ޓެކްސީ މީޓަރުގެ ޚިދުމަތް ތަޢާރަފުކޮށްފައިނުވުން ކަމަށެވެ.

މާލޭ ސަރަޙައްދުގައި ޓެކްސީ ޚިދުމަތްދޭ 12 ސެންޓަރެއް އޮޕަރޭޓްކުރަމުންދާއިރު، މި ޚިދުމަތްދިނުމުގައި ބާރަސަތޭކައެއްހާ ޓެކްސީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ޓެކްސީ ހޯދުމުގައި ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭކަމުގެ ޝަކުވާއަކީ އާއްމުން އަބަދުހެން ކުރާ ޝަކުވާއެކެވެ. ޓެކްސީ ޚިދުމަތުގެ އަގުތަކަށް ގެނެވުނު ބަދަލުތަކާއި، މޯބައިލް އެޕްލިކޭޝަނާއެކު މި ޝަކުވާތަކަށް ނިމުމެއް އައުމަކީ ޚިދުމަތް ހޯދާ ފަރާތްތަކުން ކުރާނެ އެންމެ ބޮޑު އުއްމީދުކަމަށްވާއިރު، ކުރިއަށްވުރެ ފަސޭހައިން ޓެކްސީ ލިބިދާނެތޯ މިއީ މިހާރު އެންމެގިނަ މީހުން ކުރާ ސުވާލެވެ.

ޑިމާންޑާއި އެއްވަރަށް ޚިިދުމަތް ނުދެވޭ މައްސަލައަށް ލުޔެއް ހޯދުމަށް މިބަދަލުތަކާއެކު އަމިއްލަ ފަރާތްތަކަށް ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ޤަވާއިދުތަކާއެއްގޮތަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ދިނުމަށްވެސް އެމިނިސްޓްރީން ވަނީ ނިންމާފައެވެ.