ޚަބަރު

މިއަހަރު ނިމުމުގެކުރިން ޕާކްކުރާނެ ތިން ޢިމާރާތް މާލޭގައި އަޅަނީ


މާލޭގެ ޕާކިންގ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިއަހަރު ނިމުމުގެ ކުރިން ތިން ޢިމާރާތް އަޅާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މާލޭގައި ޕާކް ކުރާނެ ޖާގަ ތަނަވަސްކޮށްދެއްވުމަށްފަހު މެނުވީ ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވިނަމަވެސް ސްޓީކާ ޖަހާކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރާއި ސުވާލުކުރައްވަން ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެެވެ.

މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، ތޮއްޖެހިފައިވާ މަލޭގެ މަގުތަކަށް ބަދަލުތަކެއް ގެނެސް އެއްގަމު އުޅަނދު ޕާކްކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ މި ސަރުކާރުން ޚާއްޞާ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. މީގެ ކުރިން މާލޭގެ މަގުތައް ތަރައްޤީކޮށްފައިވަނީ ޕާކިންގ ޖާގަ ތަނަވަސްވާނެގޮތަށް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިސަރުކާރުން މާލޭގައި މިހާތަނަށްވެސް ޕާކްކުރާނެ ގިނަ ޖާގަތަކެއް ތަނަވަސްކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މާލޭގައި މިހާތަނަށް ޕާކްކުރުމަށް ޖާގަ ތަނަވަސްކޮށްދެއްވާފައިވާ ތަންތަނުގެ ގޮތުގައި ތަރައްޤީކޮށްފައިވަނީ މަޖީދިއްޔާ ސްކޫލް ކައިރީ ޕާކިންގ ޒޯނާއި، ފިނޭންސް މިނިސްޓްރީކައިރިއާއި، ވެލާނާގެ ކައިރި ސަރަހައްދާއި، އެމްއެމްއޭ އާއި މާފަންނު ސަރަހަރާ ކައިރީގެ ސަރަހައްދުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ނަހުލާގެ ވާހަކަފުޅުގައި ވަނީ މިއަހަރު ނިޔަލަށް މާލޭގައި ސައިކަލް ޕާކްކުރުމަށް 1000 އާއި 1500 އާއި ދެމެދުގެ ސްލޮޓް ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ހަތަރު ފުރޮޅުލީ އުޅާނދު ޕާކްކުރުމަށް ސަތޭކައަށްވުރެ ގިނަ ސްލޮޓް ޤާއިމްކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޕާކިންގ ބިލްޑިންގތައް ނުވަތަ ޕާކްކުރާނެ ތަންތަން ހެދިނަމަވެސް ޕާކިންއަށް މުޅިން ހައްލެއް ލިބޭނީ ރަޖިސްޓްރީކުރެވޭ އުޅަނދުތައް ކޮންޓްރޯލްކޮށްގެން. އަދި މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް ކެބިނެޓް ލެވެލްގައި މަޝްވަރާކުރުމަށް ވަކި ކަރުދާހެއް ހުށައަޅާފައިވާނެ. އެ ކަރުދާހުގައި ވަރަށް ތަފްސީލްކޮށް ޓްރެފިކް މައްސަލައާއި އެކަމުގެ ހައްލު ހިމަނާފައިވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންނަށް ލުއިފަސޭހަކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، މާލޭގައި އުޅަނދުތައް ޕާކްކުުމަށް ތިން ޢިމާރާތް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާއި، އެކަމަށްބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައިވެސް ހިމަނާފައިވާކަަމަށެވެ. އެގޮތުން ޕާކިންގ ޢިމާރާތް އެޅުމަށް ބަޖެޓްގައިވަނީ62.5 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

"މި ޢިމާރާތްތައް އެޅުމުން ޕާކިންގ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް ލިބޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ވެލާނާ އިންޓަރނޭޝަން އެއަރޕޯޓްގައި ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުން މާލޭ ބޮޑުތަކުރުފާނު މަގުގައި ޕާކްކުރާ އުޅަނދުގެ ޢަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެއަރޕޯޓްގައި ސައިކަލް ޕާކްކުރުމަށް 1692 ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް 47 ޖާގަ ހަމަޖައްސާފައިވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ޕާކްކުރުން ހައްލުކުރުމަށް ޤަވާއިދާއި ޤާނޫނުގެ ތެރެއިން ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށެވެ. އަދި އެއީ މުޅި ރައްޔިތުންގެ މަސްލަހަތައްޓަކައި އަޅާ ފިޔަވަޅުތަކެއްކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އުޅަނދުތަކުގައި ސްޓިކާޖަހަނީ ޢާންމުންނަށް އެންމެ ދަތިވާގޮތަށް ޕާކްކުރާ އުޅަނދުތަކުގައިކަމަށް ވިދާޅުވިއެވެ. އެގޮތުން ސްޓިކާ ޖަހާ ތަންތަނަކީ މިސްކިތްތަކާއި، ސްކޫލްތަކާއި ބޭންކުްތަކާއި ހޮސްޕިޓަލްތަކަށް ވަދެ ނިކުމެ އުޅޭން އުނދަގޫވާނެގޮތަށް ޕާކްކުރާ ތަންތަނާއި، ބޮޑުތަކުރފާނު މަގު ތާރުއެޅި ސަރަހައްދާއި، ދެ ލައިން ދަމާފައިވާ ތަންތަނާއި، ގޯޅިތަކާއި މަގުތަކުގެ ކަންމަތީގައާއި ފުލުހުން ބެރިކޭޑާއި ކޯން ޖަހާފައިވާ ތަންތަނުގައި ޕާކްކުރާ އުޅަނދުތަކުގައިކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިއެވެ.